Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ބްރެޒިލުން 80،000 ވެކްސިން ހަދިޔާކުރަނީ

ފޮޓޯ: ރައީސް އޮފީސް

ބްރެޒިލުން ރާއްޖެއަށް 80،000 ވެކްސިން ހަދިޔާ ކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ބްރެޒިލުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ސަރޖިއޫ ލުއިޒް ކަނާއިސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމަށް ބޭއްވި ބައްދަލުވުމުގައެވެ.

އެގޮތުން އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބްރެޒިލްގެ ސަފީރު ވަނީ ބައިނަލްއަޤްވާނީ މައިދާނުގައި ރާއްޖޭގެ ފަރާތުން ބްރެޒިލް އަށް ލިބޭ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.

ބްރެޒިލްގެ ސަފީރު ވަނީ ބްރެޒިލްގެ ހިއުމަނިޓޭރިއަން ކޯޕަރޭޝަންގެ ދަށުން އެ ޤައުމުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުގެ ފަރާތުން މި މަހުގެ ފަހުކޮޅު ރާއްޖެއަށް އެކި ބަލިތަކާ ގުޅޭ 80,000 ޑޯޒް ވެކްސިން ހަދިޔާކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި، މިކަމާ ގުޅިގެން ރައީސް ސޯލިހް ބްރެޒިލްގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮގުން މަޝްވަރާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.