ކުރިން ވިސާ ނެގުމެއް ނެތި ދިވެހިންނަށް ކަޒަކްސްތާނަށް ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ހަލީލްއެވެ. އަދި ކަޒަކްސްތާނުގެ ފަރާތުން ސޮއިކުރެއްވީ ކަޒަކްސްތާނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ނޫރްލާން ޝަލްގަސްބަޔޭވްއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މިއަދު ސޮއި ކުރި 'އެގްރިމެންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަރމަންޓްސް"ގެ ދަށުން ރާއްޖެއާއި ކަޒަކްސްތާންގެ ރައްޔިތުންނަށް އެއްގައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގައި، ވިސާ ނެތި 30 ދުވަހަށް އެތެރެވެވޭނެއެވެ. އަދި ޓްރާންސިޓްކުރުމުގައިވެސް މި އެއްބަސްވުމުގެ ދަށުން ވިސާ ނަގާކަށް ނުޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޚަލީލް ވިދާޅުވީ، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކަޒަކްސްތާނުގެ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމަށާއި، މިއަދު ސޮއިކުރެވުނު ވިސާ ވެއިވަރ އެގްރިމެންޓްއާއެކު ދެޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކޮށް، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.