ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފިއެވެ.
ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވިކަން ލަންކާގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ރާޖަޕަކްސަގެ އިސްތިއުފާއާ އެކު ކެބިނެޓް މިނިސްޓަރުންވެސް އިސްތިއުފާ ދެމުން އަންނަ ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.
ލަންކާގައި ހުއްޓުމެއް ނެތި މުޒާހަރާތައް ކުރަމުން އަންނައިރު، ކޮލަމްބޯގައި މިއަދު ހަމަނުޖެހުންތައް އިތުރުވެ މުޅި ލަންކާގައި މިއަދު ވަނީ ކާފިއުވެސް އިއުލާނުކޮށްފައެވެ. މިއަދުގެ މުޒާހަރާ ހޫނުވެފައިވަނީ ސަރުކާރާއި ދެކޮޅަށް އަޑުއުފުލާ ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރަމުންދިޔަ މީހުންނަށް ސަރުކާރަށް ތާއީދުކުރާ މީހުން ހަމަލާ ދިނުމުންނެވެ.
ލަންކާ މާލީ އަދި އިގުތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓި، ރައްޔިތުން "ހާލުގައި ޖެހި" ގައުމުގެ ސިޔާސީ މަސްރަހު ވެސް މިހާރު އޮތީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ.
މުޒާހަރާގެ ބައިވެރިން އަންނީ ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާއަށްވެސް ގޮވާލަމުންނެވެ.