Last Updated: April 20, 06:38
Saturday, April 20, 2024
ޚަބަރު

އޭއީއެޗްގައި ނަރުހުންގެ ސެމިނާއެއް ބާއްވައިފި

މިހާރު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ ނަރުހުންގެ ހަފުތާގެ ތެރެއިން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި މިއަދު ނަރުހުންގެ ސެމިނާއެއް ބާއްވައިފި އެވެ.

މިއަދު ހެނދުނު 9:00 އިން މެންދުރު ފަހު 2:00 އާ ހަމައަށް "ނާސިން ވޯކްފޯސް: އިނޮވޭޓިވް އިންޓަވެންޝަންސް ޓު ސިކުއާ ގްލޯބަލް ހެލްތު" ގެ ނަމުގައި ކުރިއަށް ގެންދިޔަ ސެމިނާގައި ނަރުހުންނާ ގުޅުން ހުރި 13 ރިސާޗް ކަރުދާހެއް ހުށަހަޅައި، އެ އެއްޗެހީގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭ ގޮތުން ވަރަށް ފުޅާކޮށް މަޝްވަރާކޮށްފައިވެ އެވެ. އޭއީއެޗުން ބުނި ގޮތުގައި މި ސެމިނާގެ މައިގަނޑު ބޭނުމަކީ ނަރުހުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއި މަސައްކަތުގެ ތެރޭގައި ދިމާވާ އެކިއެކި އުނދަގޫތަކާއި ދަތިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކައި ހައްލުތަކެއް ހޯދަން މަޝްވަރާކުރުމެވެ.

އަދި މިފަދަ ސެމިނާއެއްގެ މުހިއްމުކަން ބޮޑު ކަމަށާއި އޭގައި މަޝްވަރާކުރެވުނު ކަންތައްތަކަަށް ރިއާޔަތްކޮށް ނަރުހުންގެ މަސައްކަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް ބުންޏެވެ.

ނަރުހުންގެ ސެމިނާ ފެށުމުގެ ގޮތުން ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އޭއީއެޗްގެ ސީއީއޯ މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެން ނަރުހުންގެ މަސައްކަތްތަކަށް ހިތްވަރު ދެއްވި އެވެ.

ނަރުހުންގެ ހަފުތާއާ ގުޅުވައިގެން އޭއީއެޗުން އަންނަނީ އިއްޔެ އިން ފެށިގެން ބުދަ ދުވަހާ ހަމައަށް "ހޯމް ވިޒިޓް" ގެ ނަމުގައި ވެސް ޕްރޮގްރާމެއް ހިންގަމުންނެވެ. އެގޮތުން ދުވަސްވީ ބަލި މީހުން ތިބި ގޭބިސީތަކަށް ޒިޔާތަތްކޮށް އެ މީހުންގެ ހާލު ބަލައި އެހީތެރިކަން އަންނަނީ ފޯރުކޮށް ދެމުންނެވެ.