Last Updated: June 29, 21:20
Monday, June 29, 2026

ބައެއް ކައުންސިލަރުންގެ ފަހު ދުވަސް!

ކުރިއަށް އޮތް އައްޑޫ ކައުންސިލުން ފެނިގެން ނުދާނެ ފަހުމީ (މެދުގައި) އަދި ޝާހިދު ވާތް ފަރާތުގައި

"ހަރަދު ބޮޑު" ލާމަރުކަޒީ އުސޫލުގެ ފުރަތަމަ ދައުރު މިއަދު ނިމި ދެވަނަ ދައުރުގެ ހުވާ ކުރުން މާދަމާއަށް ތާވަލް ކޮށްފައިވާއިރު މިއަދަކީ ބައެއް ކައުންސިލަރުން ތިން އަހަރުގެ ދައުރެއް ނިންމާ އެނބުރި ގެއަށް ދާން ޖެހޭ ދުވަހެވެ.

ސްކޫލްތައް ނިންމާލުމުން ކުރެވޭ ކަހަލަ އިހްސާސްތައް މިއަދު ބައެއް ކައުންސިލަރުން ކުރާނެއެވެ. މިއަދަކީ ހަގީގަތުގައިވެސް އެނބުރި ގެެއަށްދާން ޖެހޭ ކައުންސިލަރުންނަށް ވަރަށް ހިތާމަވެރި "ހިތްދަތި" ދުވަހެކެވެ.

ކައުންސިލްގެ ވެހިކަލްގައި "ފިނި" ބުރު ޖަހައި، ސަރުކާރުގެ މުދަލުން ހިތު ހުރި އުފާ ހޯދުމަށްފަހު އެނބުރި ދާން ޖެހުމަކީ ހަގީގަތުގައިވެސް ވަރަށް ވޭން އަޅާނެ ކަމެކެވެ. ލިބިލިބި ހުރި މުސާރަކޮޅުވެސް ކެނޑުނީއެވެ. ދެން ޖެހޭނީ ކޮންމެވެސް އެހެން ދިމާލަކުން އާމްދަނީއެއް ލިބޭތޯ މަސައްކަތް ކުރާށެވެ.

އައްޑޫ ސިޓީ ކައުންސިލްގެ 3 އަހަރުގެ ދައުރެއް ނިމިގެންދާއިރު ހާސިލްވީ ކޯއްޗެއް ހެއްޔެވެ؟ ދުވާލު ދިއްލިފައި ހުންނަ ބައްތި އަދިވެސް ދިއްލެނީ ދުވާލުއެވެ. ރޭގަނޑު ހުންނަނީ ނިވިފައެވެ. އެމަންޒަރު ފެނި އެކަން ހައްލެއް ނުކުރެވުނެވެ.

ކައުންސިލްގެ މަސްއޫލިއްޔަތު ތެރޭ ހިމެނޭ ކިތައް ކަން ހައްލު ކުރެވުނުތޯއެވެ؟ ހިތަދޫގެ ބިމުގެ މައްސަލަ އަށް ހައްލެއް ނުލިބެއެވެ. މަގު ހެދުން ވަނީ ހުއްޓިފައެވެ. ކަރަންޓްގެ މަައްސަލަ ވަނީ ގޯހުން ގޯހަށް ގޮސްފައެވެ. ފެނާއި ނަރުދަމާ އަޅާތޯ ކައުންސިލަށް ބެލިފައި ނުވެއެވެ.

ކޮންމެއަކަސް މާދަމާ ހުވާ ކުރާ ކައުންސިލަށް މިވަނީ މިހުރިހާ ކަމެއް މަތިވެފައެވެ. ސުވާލަކީ ދެވަނަ ކައުންސިލުން މިކަން ކަމަށް ހައްލެއް ލިބިގެންދާނެތޯއެވެ.