Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ކޮންމެ މީހަކު ވެސް ކުޑަކުދިންގެ އަބުރު ރައްކާތެރިކޮށްދޭން ޖެހޭ: ރައީސް

ފޮޓޯ: ރައީސް އޮފީސް

ކުޑަކުދިންގެ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމްކުރާ، އެކުދިންގެ ކަރާމާތާއި އިއްފަތްތެރިކަމާއި އަބުރުވެރިކަން ރައްކާތެރިކޮށްދޭ މީހަކަށް ކޮންމެ މީހަކުވެސް ވާންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

ރައީސް ސޯލިހްގެ ހިތާބުގައި ވިދާޅުވެފައިވަނީ ކުޑަކުދިންގެ ހެދިބޮޑުވުމަށާއި، ތައުލީމަށާއި ތަރުބިއްޔަތަށްޓަކައި ކުރެވޭ ކޮންމެ ކަމަކީ، އަދި ކުރެވޭ ކޮންމެ ހޭދައަކީ، މުޅި ޤައުމުގެ ކުރިމަގަށްޓަކައި ކުރެވޭ ވަރަށް މަތިވެރި އިންވެސްޓެއް ކަމަށެވެ. ޒަމާނީ ތައުލީމުން އެކުދިންގެ ސިކުނޑިތައް ތަރައްޤީކުރަން މަސައްކަތްކުރާ ފަދައިން، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި އެކުދިން ތަރުބިއްޔަތު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ހަމައެފަދައިން މުޖްތަމައުގައި ހުރި އެންމެހައި ނޭދެވޭ ސިފަތަކާއި އަމަލުތަކުން އެކުދިން ދުރުހެލިކޮށް، މުޖްތަމައުގެ ސުލްހަޔާއި ހަމަޖެހުމަށް އިސްކަންދޭ ބައެއްގެ ގޮތުގައި އެކުދިން ބޮޑެތިކުރުމަކީ ވެސް އެހާމެ މުހިންމު ކަމެއްކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ދައުލަތުގެ ރަސްމީ ތައުލީމީ ނިޒާމާއި މަތީ ތައުލީމުގެ ސިޔާސަތު ކަނޑައަޅާފައި އޮތީ، ޒަމާނީ ތަރައްޤީއާ ފައިހަމަވާ މުޖްތަމައެއް ބިނާކުރުމަށް އަމާޒު ހިފައިގެންކަމަށެވެ.

"މިއަދުގެ ކުޑަކުދިންގެ ކުރިމަތީގައި އުފެދިފައިވާ ސުވާލަކީ، އެކުދިންގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ ސުވާލެވެ. އެކުދިންގެ ކުރިމަގު ބިނާކުރަން އޮތް ވެށީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، އަޅަންވީ ފިޔަވަޅުތަކާ މެދު އުފެދިފައިވާ ސުވާލެވެ. އެކުދިން ދިރިއުޅެން އޮތް މާޙައުލުގެ ޞުލްޙަޔާއި އަމާންކަން ދެމެހެއްޓުމަށްޓަކައި، ކުރަންވީ ކަންކަމާ މެދު އުފެދިފައިވާ ސުވާލެވެ. މިކަންކަމަށް ވިސްނާއިރު، ތިމާވެށި ޙިމާޔަތްކުރުމަށް ލޯބިކޮށް އެކަމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ދަރިން ބޮޑެތިކުރުމަކީ، އެކުދިންގެ ކުރިމަގަށްޓަކައި ކޮށްދެވޭނެ ވަރަށް އަގުހުރި މަސައްކަތެކެވެ. މުޖްތަމަޢުގައި ފެތުރެމުންދާ ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނެ، އެފަދަ ޢަމަލުތައް ހުއްޓުވަން މަސައްކަތްކުރާ ބައެއްގެ ގޮތުގައި ކުދިން ބޮޑެތިކުރުމަކީ، އެ ކުދިންނަށް ބާއްޖަވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ." ރައީސް ސޯލިހްގެ ހިތާބުގައިވެއެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ ދަރިންގެ ހިތްތަކުގައި އަށަގަންނުވަންވީ، އަނެކުންނަށް އިޙްތިރާމް ކުރުމުގެ މާތް ސިފަ ކަމަށާއި، އެކުދިންގެ ވިސްނުމާއި ޚިޔާލު ބައްޓަން ކުރުވަންވީ، ބައިބައިނުވެ އެކުވެރިވެ އުޅުމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް ކަމަށެވެ. މިކަންކަމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަން ތިއްބެވީ މައިންބަފައިންކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ކޮންމެ ކަމެއްގައިވެސް ދަރިންނަށް ރަނގަޅު ނަމޫނާ ދައްކަވަން ތިއްބެވީ މައިންބަފައިންނާއި ބެލެނިވެރިން ކަމަށެވެ.

ކުޑަކުދިންނަށް ރައްކާތެރިކަމާއި އަމާންކަން ހޯދައިދިނުމަކީ މުޅި މުޖްތަމައުގެ ޒިންމާއެއް ކަމަށާއި، ކޮންމެ މީހެއްވެސް ވާންވީ ކުޑަކުދިންގެ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމްކުރާ، އެކުދިންގެ ކަރާމާތާއި އިއްފަތްތެރިކަމާއި އަބުރުވެރިކަން ރައްކާތެރިކޮށްދޭ މީހަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.