މިޔަރު ހަމަލާ ދީފައިވަނީ 62 އަހަރުގެ މީހަކަށްކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މަސްދޯންޏަކުން ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާ ދީފައިވާއިރު އެކަމުގެ މައުލޫމާތު ސިފައިންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:57 ގައި ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ.
އެކަމުގެ އިތުރު ތަފްސީލު ހިއްސާކުރަމުން ސިފައިން ބުނެފައިވަނީ، މިޔަރު ހަމަލާ ދީފައިވަނީ ޅ.އޮޅުވެލިފުއްޓާއި ދިމާލު ބޭރުން މަސްވެރިކަން ކުރަމުން ދިޔަ "ޝަވޯނާ" ނަމަކަށް ކިޔާ ދޯނީގައި ހުރި އުމުރުން 62 އަހަރުގެ ދިވެހި ފަޅުވެރިއަކަށް ކަމަށެވެ.
އެ ދޯނީގައި 14 މީހުން ތިބިކަން ފާހަގަކޮށް ސިފައިން ވުނެފައިވަނީ ކަނޑަށް ވެއްޓުނު ވަގުތު އެމީހާއަށް މިޔަރެއް ހަމަލާ ދިނުމުން، އެމީހާއަށް އިތުރު ފަރުވާދިނުމަށް ޅ.އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުގައި އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މިޔަރު ދަތް އެޅުމުގެ ސަބަބުން ޒަހަމްވެފައިވަނީ އެމީހާގެ ފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިޔަރު ގިނަވެ އެކަމުގެ ޝަކުވާ މަސްވެރިން ކުރާތާ ދުވަސްތަކެއްވަނީ ވެފައެވެ.