Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ތިމާވެށީގެ ޕްރޮޖެކްޓްތަކަށް ބީއެމްއެލްގެ ހިލޭ އެހީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެށްޓާއި ގުޅުންހުރި ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި ސްމޯލް ގްރާންޓްސް އަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ 15 ނިޔަލަށް ހަމަވާނެއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ މި ފަންޑަށް ހުށަހެޅޭ ޕްރޮޖެކްޓް ތަކުގެ ތެރެއިން 8 ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 250،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. 31 ޑިސެންބަރު 2021 ގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކަށް މި ފަންޑަށް އެދި ހުށަހެޅޭނެ ކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.

"ބީއެމްއެލް ސްމޯލް ގްރާންޓްސްގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި އަދި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ކުދި އަދި މެދު ފަންތީގެ ޕްރޮޖެކްޓް ތަކަށް ހިލޭ އެހީ ލިބިގެންދާނެ. މި އެހީއާކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދެވި، މުޖުތަމައުއަށް ދެމެހެއްޓެނިވި ތަރައްގީ ގެނެވި ހެޔޮ ބަދަލުތަކެއް އަންނާނެ. އަޅުގަނޑުމެންގެ އުންމީދަކީ މިދާއިރާގައި މަސައްކަތްކުރައްވަމުންދާ ވީހާވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުންކުރެއްވުން." ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

މި ފަންޑިންގ އަށް އެދި ހުށަހެޅޭނެ ދާއިރާތަކުގެ ތަފްސީލް އަދި ފަންޑިންގ އަށް އެދި ހުށަހަޅާ ފޯމު ބޭންކުގެ ވެބްސައިޓުން ލިބޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.