މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އެ ގައުމުގައި ދިވެއްސާއި އިސްލާމް މާއްދާގެ އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
މިކަމަށްޓަކައި މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެލޭޝިއާ އަށް މިހާރު ރަސްމީ ދަތުރެއް ކުރައްވަމުން ގެންދަވާ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ އެވެ.
ދިިވެހި ދަރިވަރުންނަށް މެލެޝިއާގައި އެސްއެސްސީ އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެހުމާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ އިސްލާމީ ތަރުބިއްޔަތާއި ދިވެހި ބަހަކީ ދިވެހިވަންތަކަމުގެ އެންމެ މުހިއްމު ދެ ރުކުންކަމަށާއި އެއީ ރާއްޖޭގެ އައިޑެންޓިޓީގެ މުހިއްމު ދެ ތަނބު ކަމަށެވެ.
"މެލޭޝިޔާގައި ކިޔަވަން އުޅޭ ދިވެހި ކުދީންގެ ތެރޭގައި ވަރަށް ތުއްތު އުމުރުން ފެށިގެން މިތަނުގައި ދިރިއުޅެ ބޮޑެތިވާ ކުދީން އެބަތިބި. ދިވެހިރާއްޖޭގައި ނޫޅުނު ކަމުގައިވިޔަސް މިކުދީންނަށް އަޅުގަނޑުމެންގެ ސަގާފަތާ ބަހާއި ދީން އުނގަންނައިދިނުމަކީ މުހިއްމު ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ދިވެހި ކޮންމެ ދަރިވަރަކީ ބަހާއި ސަގާފަތަށް އަހުލުވެރި އިސްލާމްދީނުގެ ސަައްހަ އަގީދާގެ މަތީގައި ތަރުބިއްޔަތުވެ ބޮޑެތިވާ ދަރިވަރުންކަމުގައި ހެދުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަން ޖެހޭ ކަމެއް."
މެލޭޝިޔާގައި ދިރިއުޅޭ ދަރިވަރުންނަށް މެލޭޝިޔާގައި އެސް.އެސް.ސީ އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖައްސައި އެކަން އިފްތިތާޙު ކުރުމަށް މިއަދު މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ @aisthly. pic.twitter.com/FuklLgY8zt
— Ministry of Education (@MoEdumv) May 10, 2022
އަންނަ މަހުގެ 1-6 އަށް ބާއްވާ މި އަހަރުގެ އެސްއެސްއީ އިމްތިހާނުގައި މެލޭޝިއާގައި ދިރިއުޅޭ ހަ ދަރިވަރަކު ބައިވެރިވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އެކަމަށްޓަކައި މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ދެ މުވައްޒަފަކު ވަނީ އެގްޒަމިނޭޝަން އޮފިޝަލުންގެ ގޮތުގައި ތަމްރީނު ވެސް ކޮށްފަ އެވެ.
މިނިސްޓްރީން ބުނީ ދެން ކޮންމެ އަހަރަކު ވެސް މެލޭޝިއާގައި އެ އިމްތިހާނު ބާއްވާނެ ކަމަށެވެ. އެގޮތުން އިމްތިޙާނަށް ތައްޔާރުވުމަށްޓައި ދަރިވަރުންނާއި މުދައްރިސުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ވެސް ދޭނެ އެވެ. މީގެ އިތުރުން ދަރިވަރުންނަށް އިސްލާމާއި ދި ޓެކްސްޓް ފޮތްތައް ވެސް މިނިސްޓްރީން ފޯރުކޮށްދޭނެ އެވެ.