Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ކުދިންނަށް ލިބޭ އަނިޔާއާ ދެކޮޅަށް ހުތުބާ މުހިއްމު

ކުޑަކުދިންނަށް ލިބޭ އަނިޔާތައް ހުއްޓުވަން ހުކުރު ހުތުބާގެ ޒަރީރާ އިން ވެސް މަސައްކަތްކުރެވިދާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންނަށް މި ފަހުން ލިބޭ ޖިންސީ ގޯނާތަކަށް އިޝާރާތްކުރައްވައި އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ ކަންކަން ހުއްޓުވަން ހުކުރު ހުތުބާތަކުގައްޔާއި ދީނީ އިލްނުވެރިންގެ ދަރުސްތަކާއި ޕްރޮގްރާމްތަކުން މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށެވެ.

"ކުޑަކުދިންނަށް ލިބޭ އަނިޔާތަކުން އެ ކުދިން ސަލާމަތްކުރަން މުޅި މުޖުތަމައު ގުޅިގެން މަސައްކަތްކުރަން ޖެހޭ." އިސްލާމިކް މިނިސްޓްރީ ޓެގްކުރައްވައި ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި ފަހަކަށް އައިސް އެންމެ ބޮޑުވެފައިވާ އެއް މައްސަލަ އަކީ ކުޑަކުދިންނަށް ލިބޭ ޖިންސީ ގޯނާ އެވެ. މިހާރު ވެސް މިފަދަ މައްސަލަތަކެއްގެ ވާހަކަ މީޑިއާތަކުގައި ދަނީ ދެކެވެމުންނެވެ. އޭގެ ތެރެއިން އެއް ހާދިސާ އަކީ އައްޑޫގެ ހަ އަހަރުގެ އަންހެން ކުއްޖަލަށް ސްކޫލެއްގެ ތެރޭހައި ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ މައްސަލަ އެވެ. އަނެއް މައްސަލަ އަކީ މާލޭގެ އެއް އާއިލާއެއްގެ ހަ ކުއްޖަކަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެކެވެ.

މިފަދަ މައްސަލަތަކުގައި އިންސާފު ނުލިބުމަކީ ވެސް ބޮޑު މައްސަލައެކެވެ.