Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އިހަވަންދޫ ބަނދަރު މަސައްކަތް ނިމުމާ ގާތަށް

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމާ ގާތްވެފައިވާކަން ހާމަކޮށްފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 88 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށީގެ ވޭރިއޭޝަން މަސައްކަތްތަކުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އެމްޓީސީސީން ބުނެފައިވަނީ މި ޕްރޮޖެކްޓަށް ބޭނުންވާ ބޮޑު ހިލައިގެ އެންމެ ފަހު ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 30،509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ 59.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.