އައްޑޫ ފޭދޫގެ މިސްކިތްތަކުގައި ބައެއް މީހުން ކައިބޮއި، ނިދާ މައްސަލަ ބޮޑުވެގެން އެފަދަ ކަންކަން ނުކުރަން އަންގައި އަވަށު އޮފީހުން ނޯޓިސް ނެރެފި އެވެ.
އެ ނޯޓިހުގައި ބުނެފައި ވަނީ މިސްކިތްތަކުގައި ކައިބޮއި ނިދައި ހެދުމާއި މިސްކިތްތަކުގެ ހަރިންމަ ތެރެއަށް ދުއްވާ އެއްޗެހި ވެއްދުން ފަދަ ކަންކަން ތަކުރާރުވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
"ވީމާ މިފަދަ އަމަލުތައް ނުހިންގުމަށާއި މިސްކިތްތައް ސާފުތާހިރުކޮށް ބޭއްވުމަށް އެންމެހައި ފަރާތްތަކުން އެއްބާރުލުން ދެއްވުން އެދެމެވެ." ފޭދޫގެ މިސްކިތްތަކުގައި ހަރުކޮށްފައިވާ ނޯޓިހުގައިވެ އެވެ.

ފޭދޫގެ މިސްކިތްތަކުގައި ކައިބޮއި ނިދާ މައްސަލަ ބޮޑުވެން ނޯޓިސް ނެރުނު އިރު، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފޭދޫ މައި ހުކުރު މިސްކިތުގެ ތެރެއަށް މީހަކު ބޮޑުކަމުދިޔަ މައްސަލައެއް ވެސް ފެންމަތިވި އެވެ.
ފޭދޫގައި ހަތް މިސްކިތް ހުރެ އެވެ. މީގެ ތެރެއިން ތިން މިސްކިތެއްގައި ހުކުރު ވެސް ކުރެ އެވެ.