އައްޑޫ ސިޓީގެ މޭޔަރަކަށް ދެވަނަ ފަހަރަށް ސޯބެ ހޮވުނު އިރު ޑެޕިއުޓީ މޭޔަރަކަށް މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ޠޮއްޔިބް (ޓޮމް) ހޮވައިފި އެވެ.
މިރޭ ޝަރަފުއްދީން ސްކޫލް ހޯލްގައި ބޭއްވި ކައުންސިލްގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ފަހަށް ބޭއްވި ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި މޭޔަރު ކަމަށް ހުޅުވާލި ފުރުސަތުގައި މޭޔަރު ކަމަށް ހުށަހެޅުއްވީ ސޯބެ އެކަންޏެވެ. އަދި ސޯބެ މޭޔަރަކަށް ހޮވިވަޑައިގެންފައި ވަނީ ކައުންސިލްގައި ތިއްވަބާ ހަ މެމްބަރުންގެ ތެރެއިން ފަސް ވޯޓު ހޯއްދަވައިގެންނެވެ. ނުފެންނަ ކަމަށް އެއް މެމްބަރަކު ވަނީ ވޯޓް ދެއްވާފަ އެވެ.
ޑެޕިއުޓީ މޭޔަރު ކަމަށް ޓޮމް ހޮވުނީ އެކަމަށް އޭނާ އެކަނި ކުރިމަތިލައި ފަސް ވޯޓު ހޯއްދަވައިގެންނެވެ. ނުފެންނަ ކަމަށް މި ފަހަރު ވެސް އެއް މެމްބަރަކު ވަނީ ވޯޓު ދެއްވާފައި އެވެ.
މޭޔަރާއި ޑެޕިއުޓީ މޭޔަރު ހޮވުމަށް ފަހު ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސޯބެ ވިދާޅުވީ ޖޯޝާއި، ހިއްވަރާއި ފޯރީގައި މިކައުންސިލުން އައްޑޫގެ ތަރައްޤީއަށް މިވަގުތުން ފެށިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ވަކި ކުލައަކަށް ސަރުކާރަކަށް ބެލުމެއް ނެތި އައްޑޫގެ ތަރައްޤީ އަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ކައުންސިލްގެ މެމްބަރުންނަށް ގޮވާލެއްވި އެވެ.
ޝަރަފުއްދީން ސްކޫލްގައި ބޭއްވި ހުވާ ކުރުމުގެ ދަރުބާރަށް ވަރަށް ގިނަ ބަޔަކު ވަނީ ދައުވަތު އަރުވައިފަ އެވެ. ހުވާލައި ދެއްވީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް ނަފީސެވެ.