Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

ގިނައިން ރައްޔިތުންނާ ބައްދަލު ކުރާނަން: މޭޔަރު

ލާމަރުކަޒީ ގާނޫނުގައި ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށް ބުނެފައިވާ ވަރަށް ވުރެ ގިނައިން މިހާރުގެ ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރާނެ ކަމަށް ދެވަނަ ފަހަރަށް އައްޑޫގެ މޭޔަރަކަށް ހޮވުނު އަބްދުﷲ ސާދިޤް(ސޯބެ) ވިދާޅުވެއްޖެ އެވެ.

ކައުންސިލްގެ ދެވަނަ ދައުރަށް ހުވާ ކުރުމަށް ރޭ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ސޯބެ ވިދާޅުވީ ނިމިގެން ދިޔަ ކައުންސިލުން ރައްޔިތުންނާ ބައްދަލު ނުކުރެވޭ ކަމަށެވެ.

ނަމަވެސް މިހާރުގެ ކައުންސިލުން ހުރިހާ ކަމެއްވެސް ކުރާނީ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ މަޝްވަރާ މަތިން ކަމަށެވެ.

"އަޅުގަނޑުމެން މާދަމާ އެންމެ ފުރަތަމަ އޮފީހަށް ނިކުމެ، ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި ބައްްދަލުކުރާނަން، އަދި އެއަށްފަހު އަވަށު އޮފީސްތަކަށް ގޮސް އެތަނުގެ މުވައްޒަފުންނާއި ބައްދަލުކޮށް، އަޅުގަނޑުމެން ތަރައްޤީއަށްޓަކައި ކުރެވެން އޮތް މަސައްކަތްތަށް ވަގުތުން ވަގުތަށް ފަށާނަން." ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ އައްޑު އަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހިމަނާފައި ނެތުމުން އެކަމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.

އަދި އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަނާ ބައްދަލު ކުރާނެ ކަމަށެވެ. އެގޮތުން މާޗް މަސް ނިމެންވާ އިރަށް ކަރަންްޓްގެ މައްސަލަތަކަށް ހައްލެއް ހޯދޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ނިމިގެން ދިޔަ ކައުންސިލްގެ މޭޔަރުކަން ވެސް ކުރެއްވި ސޯބެގެ ފާއިތުވި 3ތިން އަހަރުގެ މާލީ ރިޕޯޓާއި އަހަރީ ރިޕޯޓް ކައުންސިލަށް އާއްމު ކުރެވިފައި ވަނީ ދައުރު ނިމެން އުޅެނިކޮށެވެ.
އަދި ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާ ހޯދާފައި ނުވަތީ ގިނަ ބައެއްގެ ފާޑު ކިއުންތައް ކައުންސިލަށް ވަނީ އަމާޒުވެފަ އެވެ.