Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ފޭދޫން އަންނަ މަހު ބިން ދޫކުރަން ފަށާނެ: ނިހާދު

އަންނަ މަހުގެ ތެރޭގައި އައްޑޫ ފޭދޫން ބޯހިޔާވަހި ކަމަށް ބިން ދޫކުރަން ފަށާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

އޭނަ ވިދާޅުވީ ބޯހިޔާވަހި ކަމަށް ފޭދޫން ބިން ދޫކުރުމަށް ކައުންސިލުން ކުރާ މަސައްކަތް އުފަލާ އެކީ ބަލައިގަންނަ ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި ބިން ދޫކުރުމުގެ އަމަލީ މަސައްކަތް ފެށޭނެތީ ނިހާދުގެ ޓްވީޓްގައި މޭޔަރު އަލީ ނިޒާރާއި ފޭދޫގެ ދެ ކައުންސިލަރުން ކަމަށްވާ މުހައްމަދު ފައިސަލާއި އައިމިނަތު ސަލްމާ ޓެގްކޮށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

ފޭދޫން ބިން ދޫކުރަން ތައްޔާރުވާ އިރު، ބިމުގެ ދަތިކަން ބޮޑުވެގެން އެ އަވަށުން ވަނީ ބިން ވެސް ހިއްކައިފަ އެވެ. އެގޮތުން ފޭދޫގެ ވަށައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 50 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ. އެކަމަކު ހިއްކި ބިމުން މިހާތަނަށް ބޯހިޔާވަހި ކަމަށް ބިން ދޫކޮށްފައި ނުވާތީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުުރަމުން ގޮސްފައިވެ އެވެ.

ފޭދޫގެ ހިއްކި ބިމުން ބައެއް އެހެން ބޭނުންތަކަށް ބިން ހަމަޖައްސާފައިވެ އެވެ. އޭގެ ތެރޭގައި މީހުން ވަޅުލުމާއި ލޯކަލް ޓޫރިޒަމަށް ހާއްސަކޮށްގެން ހިންގާ މަޝްރޫއުގެ ދަށުނ ޓޫރިސްޓް ފެސިލިޓީތަކެއް ހަދަން ބިންތަކެއް ދޫކޮށްފައިވެ އެވެ.

ބޯހިޔާވަހިކަމަށް ފޭދޫން ބިން ދޫކުރާ އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޭދޫގެ ދެ ދިމާއެއްގައި 25 ހައުސިން ޔުނިޓް އިމާރާތްކުރި އެވެ. އަދި މި ސަރުކާރުން ވަނީ ފޭދޫގައި 75 ހައުސިން ޔުނިޓް އަޅަން ނިންމައި، މިދިޔަ މަހުގެ ކުރީކޮޅު އެ މަޝްރޫއު ބީލަމަށް ހުޅުވާލައިފަ އެވެ.

ޔާމީންގެ ވެރިކަމުގައި ވެސް ފޭދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ ވާހަކަތަކެއް ދެކެވުނެވެ.

އައްޑު އަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރަން ބިން ހިއްކުމުގެ ބޮޑު މަޝްރޫއެއް ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ނެދަލެންޑްސްގެ ވެން އޫޑްއާ ހަވާލުކޮށްގެން ހިންގާ އެ މަޝްރޫއުގެ ދަށުން ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވެ އެވެ.