Last Updated: June 29, 21:20
Monday, June 29, 2026
ސިޔާސީ

"އިސްލާމިކް ސެންޓަރެއް އަޅަން ބާރު އަޅާނަން"

ހިތަދޫގައި އިސްލާމިކް ސެންޓަރެއް އެޅުމަށް ބާރު އަޅާނެކަމަށް ހިތަދޫ ދެކުނު ދާއިރާއަށް ކުރިމަތިލައްވައި ކެމްޕެއިން ކުރައްވަމުން އަންނަ މިހާރުވެސް އެދާއިރާ ތަމްސީލް ކުރައްވާ ހަސަން ލަޠީފް ވިދާޅުވެއްޖެ އެވެ.

"އައްޑޫ ލައިވް" އަށް ދެއްވި އިންޓަވިއުއެއްގައި ހަސަން ލަޠީފް ވިދާޅުވީ ކުރިއަށް އޮތް ދައުރަށް ރައްޔިތުން އޭނާ ހޮއްވަވާދެއްވައިފިނަމަ އިސްލާމިކް ސެންޓަރު އެޅުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް މަސައްކަތް ކުރިން އިސްލާމިކް ސެންޓަރެއް ހިތަދޫގައި އެޅުމަށް. އެކަމަށް ބިމެއް ވެސް ހަމަޖައްސާފައި ވަނީ." ލަޠީފް ވިދާޅުވިއެވެ.

އައްޑޫގައި ބޭއްވި ސާކް ސަމިޓަށް ބޭނުންވާ ބަޖެޓަށް ވޯޓު ދެއްވި ހަސަން ލަޠީފް ވިދާޅުވީ އައްޑޫގެ ތަރައްޤީ އަށް ކޮންމެ ސަރުކާރަކުން މަސައްކަތް ކުރެއްވި ނަމަވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި އައްޑު އަށް ބަޖެޓް ހޯދުމުގައި މިހާރު ވެސް، އަދި އަންނަ ދައުރުގައިވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހަސަން ލަޠީފް ވިދާޅުވީ ސަރުކާރުން ހިތަދޫގައި އަޅަން ހަމަޖައްސާފައިވާ އިސްލާމިކް ސެންޓަރުގެ ވާހަކަ މިހާރު އަޑު ނީވޭ ކަމަށެވެ.
ނަމަވެސް ކުރިއަށް މަޖްލިސް ދައުރުގައި އެތަން އިމާރާތް ކުރުމަށް ބަޖެޓް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހިތަދޫ ދެކުނު ދާއިރާގެ ކެމްޕެއިން ކުރައްވަމުން އަންނަ އިރު ރައްޔިތުންގެ ފަރާތުން ތަފާތުކަންކަމާ ގުޅޭ ޝަކުވާ އިވެމުން އަންނަ ކަމަށް ހަސަން ލަޠީފް ވިދާޅުވި އެވެ.
އެގޮތުން ފެނާއި، ނަރުދަމާ، އަދި މަދިރީގެ މައްސަލަ ވަރަށް ގިނަ ފަރާތްތަކުން ފާހަނގަކޮށްފައިވާ ކަމަށް ލަޠީފް ވިދާޅުވި އެވެ.

އަދި ހިތަދޫގެ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ޝަކުވާ ވެސް ވަރަށް ގިނައިން ލިބިފައިވާ ކަމަށެވެ.
އެހެންވެ ދެން ދައުރެއްގެ ބަޖެޓްގައި ހިތަދޫ ބިން ހިއްކުން ހިމަނުއްވައި އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ލަޠީފް ވިދާޅުވި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ހިތަދޫ ބޮޑު ކަތީބުކަން ކުރެއްވި ހަސަން ލަޠީފް ވިދާޅުވީ ދެކުނު ދާއިރާގެ ގިނަ ރައްޔިތުން އޭނާ މަޖިލިސްގައި ކުރެއްވި މަސައްކަތް ބަލައިގެންފައިވާ ކަމަށެވެ.

އެހެންވެ މިފަހަރުގެ އިންތިހާބްގައި ރައްޔިތުން ދެވަނަ ފުރުސަތެއް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.