Last Updated: April 23, 23:56
Tuesday, April 23, 2024
ރިޕޯޓް

އަލްމާނީ ފިކުރުގެ ނުރައްކާ

ޢަލްމާނީ ފިކުރަކީ އިންސާނީ ޙަޔާތުގެ އެކިއެކި ދާއިރާތަކުން ދީން ދުރުކޮށް އެކަހެރި ކުރާން ގޮވައިލާ ފިކުރެވެ. ސިޔާސީ، އިޖުތިމާޢީ، ތަޢުލީމީ، އިޤްތިސާދީ، އަޚްލާޤީ މި ހުރިހައި ދާއިރާއަކުން ވެސް ދީން އެއްފަރާތްކޮށްލުމަށް ވަކާލާތު ކުރާ ފިކުރެކެވެ. އެއަށް ފަހު އިންސާނީ ޙަޔާތުގެ މިހުރިހާ ދާއިރާތަކަކަށް ވެސް މާއްދީ ވިސްނުމާއި ޚިޔާލާއި ފިކުރުގެ މައްޗަށް ކަންކަން ތަރުތީބުކޮށް އެތުރުމަށް ގޮވައިލާ ފިކުރެކެވެ.

ނަމަވެސް، އިސްލާމްދީނާ މެދު ވިސްނާލާއިރު، އިސްލާމްދީނަކީ ޝާމިލު ކާމިލު ދީނެކެވެ. އެއީ އިންސާނާ ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނަވައި، އެ އިންސާނާ ދުނިޔޭގައި ލެއްވި ޚާލިޤުވަންތަ މާތް ﷲ، އެ އިންސާނާ އުޅުމަށް ބާވައިލެއްވި ނިޒާމެވެ. ދީނެވެ. ޙަޔާތުގެ ދުސްތޫރެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަގު ދައްކައިދޭ މަގުޗާޓެވެ.

އެހެންކަމުން، އިސްލާމީ މުޖުތަމަޢެއްގައި ޢަލްމާނީ ފިކުރަށް ގޮވައިލެވޭނެ އެއްވެސް ޙުއްޖަތެއް ނެތެވެ. އިސްލާމީ މުޖުތަމަޢެއްގައި ޢަލްމާނިއްޔަތަށް ގޮވައިލުމަކީ، މުސްލިމުންގެ ޙަޔާތުން އިސްލާމްދީން ނެރެ އެއްލައިލުމަށް ގޮވައިލުމެވެ. އިންސާނާ އަކީ ރައްބެއް ރަސޫލެއްގެ އަމުރުފުޅުތަކާއި އިރުޝާދުފުޅުތަކަށް ބޯލަނބަން ޖެހޭ މީހެއް ނޫން ކަމުގައި ކަނޑައެޅުމަށް ގޮވައިލުމެވެ. މިއީ އޭގެ ޒާތުގައި އިސްލާމްދީން ދޫކޮށް ކުފުރަށް ގޮވައިލުމެވެ.

އެހެނީ، ޙަޔާތުގެ މި ދެންނެވި މައިދާނުން ދީން ބޭރުކޮށްފިނަމަ، ދެން އެމީހަކު ފުރިހަމަ މުސްލިމަކަށް ވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އޭނަ އަކީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ގެ ޙުކުމްފުޅުތަކަށް ރުހިގެން ހުރި މީހަކަށް ނުވާނެއެވެ. ޝަހާދަތުގެ ދެކަލިމަ ލާޒިމުކުރަނީ ކޮންމެ މުސްލިމަކު ވެސް މާތް ﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ގެ ޙުކުމްފުޅުތަކަށް ރުހި ޤަބޫލުވެ، އެޙުކުމްފުޅުތައް އެމީހެއްގެ އަމިއްލަ ދިރިއުޅުމުގައްޔާއި އެމީހެއްގެ ޙަޔާތުގެ ހުރިހާ މައިދާނެއްގައި ތަންފީޒުކުރުމަށެވެ.

އިސްލާމް ދީނަކީ ފުރިހަމަ ދީނެކެވެ. މުސްލިމުންގެ ތަޝްރީޢީ މަޞްދަރަކީ އިސްލާމްދީނެވެ. ދީނުގެ ޝަރީޢަތެވެ. ގިނަގުނަ ޙުކުމްފުޅުތަކަކާއި ޙައްދުތަކެއް އެކިއެކި ކަންކަމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވެއެވެ. އަދި އިސްލާމްދީނުގައި ވަކިގޮތަކަށް ކަނޑައަޅުއްވާފައިވާ ނުވާ ކަންކަމަށް ޤާނޫނެއް ހަދާއިރު ބަލަން ޖެހޭ މަޞްދަރަކީ ވެސް އިސްލާމީ ޝަރީޢަތެވެ. އެ ޝަރީޢަތުގެ އުޞޫލުތަކާއި ޤަވާޢިދުތަކާ ޚިލާފު ނުވާ ގޮތެއްގެ މަތިންނެވެ. މަޤާޞިދުއްޝަރިއްޔާގެ ހަމަތަކަށް ރިޢާޔަތް ކުރެވި، މަޞްލަޙަތާއި މަފްސަދަތަށް ރިޢާޔަތް ކުރެވިގެން ހެދޭ ޤާނޫނުތަކަކަށްވުން އެ ޤާނޫނުތައް ވުން ލާޒިމުވެގެންވެއެވެ.

މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި މި ފިކުރުގެ ނުބައި ރޭވުމުގައި ޖެހިފައިވާ ބައެއް މީހުން ތިބުމަކީ ހިތާމަ ހުރި ކަމެކެވެ. މި ފިކުރުގެ ނުރައްކާތެރިކަމާއި އޭގެ ސަބަބުން އިސްލާމް ދީނާއި އިސްލާމީ މުޖުތަމަޢަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ މެދު ވިސްނައި މި ފިކުރުގެ ނުރައްކާތެރި ވަކިތަކުން ސަލާމަތްވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަން ކަށަވަރެވެ.

ނޯޓް: މިއީ ޝައިހް ޝަފީއު އަބްދުﷲ ގެެ ލިޔުމެކެވެ.