Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ދެވަނަ ދައުރަކަށް ރައީސް ސޯލިހް ވާދަކުރައްވާނެ ކަމަށް ނުފެނޭ: ނަޝީދު

ފޮޓޯ: ރައީސް އޮފީސް

2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދިވެހި ޗެނަލް އިން ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން އެކަހެރިވަމުން އަންނަތަން ފެންނަމުން އަންނަ ކަމަށާއި އެކަން އެގޮތަށް ހިންގައިގެން ނުވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކީ ކޮބައިކަން ނިންމަން ޖެހޭނީ އެމްޑީޕީގެ މެމްބަރުން ކަމަށާއި، އެމެމްބަރުން ނިންމާގޮތުގެ މައްޗަށް އެންމެންވެސް އެއްބަސްވާންޖެހޭނެ ކަމަށެވެ.

އެމްޑީޕީ ރިޔާސީ ޓިކެޓްދޭނެ ފަރާތެއް ނިންމުމަށް ބާއްވާ ޕްރައިމަރީގައި ރައީސް ސޯލިހްއާއި ރައީސް ނަޝީދުނޫން އެހެންބޭފުޅުންވެސް ކުރިމަތިލުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި ރައީސް ސޯލިހާ އަޅުގަނޑާ ނޫން އެހެން ބޭފުޅުންވެސް މި ރޭހުގެ ތެރެއަށް ނުކުތުމަކީ ވަރަށް ބޭނުންތެރިކަމެއް. ދެން އަޅުގަނޑު ލަފައެއް ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުންނަވާނެ ކަމަކަށް. އެހެންނަމަވެސް އަޅުގަނޑު ނުކުންނަވާހަކަ ތަކުރާރުކޮށް އެކި ގޮތްގަތަށް އެބަ ބުނެވޭ."

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ޕްރިމަރީގައި ވާދަކުރުމަށް ނިންމި ނަމަވެސް، ރާއްޖެއަށް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ދެކޭކަމަށެވެ. އަދި އެކަމާ މެދު ރަނގަޅަށް ވިސްނުމަށް ރައީސް ސޯލިހްގެ ކިބައިން އަދިވެސް އެދޭކަމަށް ވިދާޅުވިއެވެ.

ރިޔާސި ޕްރައިމަރީގައި ރައީސް ސޯލިހް ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިނަމަވެސް ރައީސް ސޯލިހްއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ އެމަނިކުފާނު އިންތިހާބުގައި ވާދަ ނުކުރަން ނިންމާފައި ނުވާނެ ކަމަށެވެ.