ދައުލަތުގެ ބަޖެޓުން 150 މިލިއަަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން 17 ވަނަ ސާކް ސަމިޓް ބޭއްވުމަށް ކުރީގެ ސަރުކާރުން އައްޑޫގައި އިމާރާތް ކުރި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ވީރާނާވެ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
މޭޔަރު ޢަބްދުﷲ ސޯދިގް (ސޯބެ) "ދިޓީވީ" އަށް ދެެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އީސީސީއަކީ އައްޑު އަށް އެތަނުގެ ސަބަބުން ތަރައްގީ އާއި ވަޒީފާގެ ފުރުސަތުތައް ލިބިގެން ދާނެ އެ ސިޓީ ފަޚުރުވެރިވާ ތަނަކަށް ވާނެ ކަމަށް ކުރެވުނު އުންމީދުތައް މިއަދު ފެނަށް ވެފައިވާ ކަމަށެވެ. އަދި އީސީސީ ބަލަހައްޓާނެ ފަރާތެއް ވެސް އަދި ބެލެހެއްޓޭނެ ގޮތެއް ވެސް ނެތް ކަމަށާއި ކުޑަމިނުން އެތަން ފޮޅައި ސާފު ކުރެވޭނެ ގޮތެއްވެސް ނެތް ކަމަށް ސޯބެ ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން އެތަން ބެލެހެއްޓުމަށް މަސައްކަތް ކުރިކަމަށާއި ނަމަވެސް ބަޖެޓު ނެތުމުގެ ސަބަބުން މިހާތަނަށް ކުރެވުނުހާވެސް ކަމަކީ ދެ ފަހަރެއްގެ މަތިން އެސަރަހައްދުގެ ވިނަ ކޮށުންކަމަށް އޭނާ ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ 2011 ގައި އައްޑޫގައި ބޭއްވި ސާކް ސަމިޓަށް ތަރައްޤީ ކުރި އީސީސީއަކީ ގިނަ ޢަދަދެއްގެ މުދަލާއެކު ހުޅުވިގެން ދިޔަތަނެއް ކަމަށެވެ. އަދި އެގޮތުން އިދާރީ ގޮތުން ބޭނުން ކުރާ މުދަލުގެ އިތުރުން ކޮމްޕިއުޓަރު ސިސްޓަމްތަކާއި އެ ނޫން ވެސް އަގު ބޮޑު އެތައް މުދައްލެއް އެތަން ހުޅުވި އިރު ހުރިކަމަށް ސޯބެ ވިދާޅުވި އެވެ. އެހެން ނަމަވެސް މިއަދު އެތަނުގައި ގޮނޑި މޭޒު ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތް ކަމަސް އޭނާ އޭނާ ވިދާޅުވި އެވެ.
ސޯބެ އިތުރަށް ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ ސާކް ސަމިޓަށް ފަހު އީސީސީގެ އިންވެންޓްރީއެއް ވެސް ނަގާފައި ނުވުން ކަމަށެވެ. އަދި އޭގެ އީސީސީ ބެލެހެއްޓުމުގައި ސަރުކާރާ ކަމާބެހޭ ފަރާތްތަކުން އިހުމާލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އީސީސީ ވީރާނާވެ ދާނެ ކަމުގެ ބިރު އޮތް ކަމަށް ކައުންސިލުން ބުނެފައިވާ އިރު ދާދި ފަހުން މޭޔަރު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އާ ގުޅިގެން އީސީސީ އާ އެކު އެތަން ހިމެނޭ ސަރަހައްދުގައި މަދުވެގެން 100 ކޮޓަރީގެ ސިޓީ ހޮޓަލެއް ހެދުމަށް ބީލަމަށް ލާނެ ކަމަށެވެ.