އައްޑޫގައި ގަމުގެ ޔޫތު ސެންޓަރު މަރާމާތުކުރަން ނިންމައި، އެ މަސައްކަތްކުރާނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.
ގަމުގެ މިހާރުގެ ޕޮލިސް ސްޓޭޝަން ހުރި އިމާރާތުގެ ފުރަގަހުގައި ހުރި ޒުވާނުންގެ މަރުކަޒު މަރާމާތުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ކައުންސިލުން ބުނީ މި މަސައްކަތުގެ ބިޑް ޑޮކިއުމަންޓް މިއަދުން ފެށިގެން މި މަހުގެ 19 އާ ހަމައަށް ވިއްކާނެ ކަމަށާއި ބީލަމުގައި ބައިވެރިވާން 300ރ. ގެ ރެޖިސްޓްރޭޝަން ފީއެއް ވެސް ދައްކަން ޖެހޭ ކަމަށެވެ.
ގަމުގެ ޒުވާނުންގެ މަރުކަޒުގެ މަރާމާތާ ގުޅޭ ގޮތުން މައުލޫމާތު ދިނުން މި މަހުގެ 22 ގެ ހެނދުނު 11:00 ގައި އެތަނުގައި އޮންނާނެ އެވެ.
ޒުވާނުންނަށް ތަފާތު އެކި ކުޅިވަރުތަކާއި އަދި ކަސްރަތުކުރަން ޖިމެއް ވެސް ހިމެނޭ ގޮތަށް ހަދާފައިވާ ގަމުގެ ޒުވާނުންގެ މަރުޒަކީ މާލޭން ބޭރުގައި ހެދި ޔޫތު ސެންޓަރުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހުޅުވި ތަންތަނުގެ ތެރެއިން އެއް ތަނެވެ. ނަމަވެސް އެތަން ހިންގާ އިމާރާތް ބާވެ، އެކި ކަހަލަ ދަތިތައް ކުރިމަތިވެފައިވެ އެވެ.