Last Updated: April 26, 23:00
Friday, April 26, 2024
ވިޔަފާރި

ނެޓްފްލިކްސްގެ އަމާޒު ލައިވްސްޓްރީމިން އަށް

ބޭނުންކުރާ މީހުންގެ އަދަދު މިހާރު ބޮޑުތަނުން ދަށްވަމުންދާތީ ނެޓްފްލިކްސް އަށް މިހާރު ޖެހިފައި އޮތީ ސަބްސްކްރައިބަރުން ދެމެހެއްޓުމަށާއި އިތުރުކުރަން އާ މަސައްކަތްތަކެއް ކުރަން ޖެހިފަ އެވެ. އެހެންވެ މިހާރު އެކަން ކުރެވޭނެ އިތުރު ގޮތްތަކެއް ހޯދަމުން އަންނަ އިރު، އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ނެޓްފްލިކްސް މިހާރު އަމާޒު ހިފާފައި ވަނީ ލައިވްސްޓްރީމިންއަށެވެ.

ޑެޑްލައިނުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނެޓްފްލިކްސްގެ ތެރެއިން ތަފާތު އެކި ކަހަލަ ކޮންޓެންޓްތައް ލައިވްސްޓްރީމްކުރެވޭ ގޮތަށް ހިދުމަތް ބައްޓަންކުރަން މިހާރު އަންނަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. މިފަދަ ކޮންޓަންޓެއް ދާދި ފަހުން ރިއަލް އެސްޓޭޓް ވިޔަފާރި އަށް ހާއްސަކޮށްގެން "ސެލިން ސަންސެޓް" ގެ ނަމުގައި ވެސް ނެޓްފްލިކްސް އިން ގެނެސް ދީފައިވެ އެވެ.

އެގޮތުން މިފަދަ ކޮންޓެންޓްތައް އިތުރުކޮށް، ލައިވްސްޓްރީމިން ކޮންޓެންޓްތަކާ އެކު އާންމުންގެ މަގުބޫލުކަން އިތުރުކުރަން ޕްލޭންތަކެއް މިހާރު އަންނަނީ ރޭވެމުންނެވެ. އޭގެ ތެރެއިން އެކައްޗަކީ ލައިވް އޯޑިއަންސަކަށް ވެސް ބައިވެރިވެވޭ ގޮތަށް މި އަހަރު ފަށަން ހަމަޖެހިފައިވާ ލައިވް ކޮމެޑީ ފެސްޓިވަލް އެވެ.

ދިގުދެމިގެންދާ ގޮތަށް "ނެޓްފްލިކްސް އިޒް އަ ޖޯކް ފެސްޓް" ގެ ނަމުގައި ގެނެސްދޭން ހަމަޖެހިފައިވާ އެ ޝޯގައި 130 އަށް ވުރެ ގިނަ ކޮމީޑިއަނުން ބައިވެރިވާނެ އެވެ.

މީޑިއާތަކުން ބުނީ މިފަދަ ލައިވް ކޮންޓެންޓްތަކަށް ނެޓްފްލިކްސް އިން އަމާޒު ހިފާފައިވާ އިރު މާ ލަސްތަކެއް ނުވެ ނެޓްފްލިކްސް އަށް ލައިވްސްޓްރީމް ފީޗާ ވެސް ދޫކޮށްލާނެ ކަމަށެވެ. އެކަމަކު އެއީ ކިހާ ތާކު ކަމެއް އަދި ނޭނގެ އެވެ.