Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

މާޅޮހު ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

އއ. މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނެފައިވަނީ މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބޭރުތޮށިލުމުގެ މަސައްކަތުގެ %61 މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބަނދަރު ފުންކުރުމުގެ މަސައްކަތް މިއަހަރު މާރޗް މަސްތެރޭ ނިމިފައިވާ ކަމަށެވެ. އެގޮތުން މުޅި ޕްރޮޖެކްޓްގެ %45 މަސައްކަތް މިހާތަނަށް ނިމިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 56 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 56.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.