Last Updated: April 23, 23:56
Tuesday, April 23, 2024
ކުޅިވަރު

ވެސްޓްހަމް އަތުން ސިޓީ އަށް ޕޮއިންޓެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓްހަމް ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.

މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ސިޓީ މިހާރު އޮތީ 37 މެޗުން ލިބުނު 90 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 36 މެޗުން ލިބުނު 86 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ. ލީގުގައި އަންނަ އަންގާރަ ދުވަހުގެރޭ ސައުތްހެމްޓަންއާ ކުޅޭ މެޗުން ލިވަޕޫލް ބަލިވެއްޖެނަމަ ސިޓީ އަށް ތަށި ލިބޭނެ އެވެ.

ވެސްޓްހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ވެސްޓްހަމުން ނިންމާލީ ދެ ގޯލުގެ ލީޑަކާއެކު އެވެ. އެ ދެ ގޯލު ވެސް ވެސްޓްހަމް އަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ޖެރަޑް ބޮވެން އެވެ. ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ވެސްޓްހަމުން ނިންމާލި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ޖެކް ގްރީލިޝް ވަނީ ސިޓީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

މެޗުގެ 69 ވަނަ މިނެޓްގައި ސިޓީން ނަތީޖާ އެއްވަރުކުރިއިރު މި ގޯލަކީ ވެސްޓްހަމްގެ ކޫފަލް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މެޗުގެ 86 ވަނަ މިނެޓްގައި ލީޑު ނަގަން ސިޓީ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ރިޔާދް މަހްރޭޒް ފޮނުވާލި އެ ޕެނަލްޓީ ވެސްޓްހަމްގެ ކީޕަރު ފަބިއާންސްކީ ވަނީ ދިފާއުކޮށްފަ އެވެ.

ލީގުގައި މިއަދު ޓޮޓެންހަމުން ވަނީ 1-0 އިން ބާންލީ ބަލިކުރުމަށްފަހު ލީގުގެ ގަދަ ހަތަރަކަށް އަރާފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޓޮޓެންހަމް އަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ.

މި މޮޅާއެކު ލީގުގެ ހަތަރުވަނައިގައި ޓޮޓެންހަމް އޮތީ 37 މެޗުން ލިބުނު 68 ޕޮއިންޓާ އެކު އެވެ. ލީގުގެ ގަދަ ހަތަރަކަށް ޓޮޓެންހަމްއާ އެންމެ ގާތުން ވާދަކުރާ އާސެނަލް އޮތީ 36 މެޗުން ލިބުނު 66 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ. ލީގުގައި މާދަމާ ރޭ އާސެނަލް ނިކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.