Last Updated: July 24, 15:14
Friday, July 24, 2026
ޚަބަރު

އާޒިމާ ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާ ދަށު ކޯޓުގައި ކުރިއަށްގެންދެވޭނެ ކަމަށް ނިންމާފައިވާ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާ އެވެ. މި ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން އެ ނިންމުން އާޒިމާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެގޮތުން ހައިކޯޓުން ވެސް ނިންމީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމުގަ އެވެ.

ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަމުން އާޒިމާގެ ފަރާތުން ވަނީ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ދަށު ކޯޓުތަކުން ނިންމާފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލާގައި މިއަދު ކުރި ހުކުމުގައި ވަނީ ދަށު ކޯޓުތަކުން މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ކަނޑައަޅާފައިވަނީ އެކަށީގެންވާ ހެކި ނެތި ކަމަށް ބުނެ އާޒިމާގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ނުކުތާއަކީ އިސްތިއުނާފް ކުރެވޭނެ ނުކުތާއެއް ނޫން ކަމަށެވެ.

އެގޮތުން އާޒިމާގެ ފަރާތުން އެދުނު ގޮތަށް ދަށު ކޯޓުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފަ އެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ދައުވާތަކެއް އުފުލާފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ 1 މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ.