Last Updated: April 20, 18:15
Saturday, April 20, 2024
ކުޅިވަރު

ގަދަ ހަތަރެއްގެ އުއްމީދު އާސެނަލަށް ފަނޑުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން އިން ބަލިވެ ލީގުގެ ގަދަ ހަތަރެއްގައި ނިންމައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު އާސެނަލަށް ވަރަށް ބޮޑަށް ހަނިވެއްޖެ އެވެ.

ލީގުގައި ބާކީ އާސެނަލަށް އެއް މެޗު އޮތްއިރު، އެ ޓީމު މި ވަގުތު އޮތީ 37 މެޗުން ހޯދި 66 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމްއާ އާސެނަލްއާ ދެމެދު ދެ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ޓޮޓެންހަމް އަށް 37 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ. ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން ޓޮޓެންހަމަށް މިހާރު ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. އެއީ ގޯލުގެ ތަފާތުން ބޮޑުތަނުން ޓޮޓެންހަމް ކުރީގައި އުޅޭތީ އެވެ.

ރޭގެ މެޗުން އާސެނަލް ބަލިވުމުން ލީގުގެ ގަދަ ހަތަރަކުން ޖާގައެއް ކަށަވަރުކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ޗެލްސީ މިހާރު ވަނީ ކޮލިފައިވެ އެވެ. ޗެލްސީ އޮތީ 36 މެޗުން ލިބުނު 70 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ.

ނިއުކާސަލްގެ ދަނޑުގައި ރޭ ކުޅުނު މެޗަށް ނިކުތްއިރު މި މެޗަކީ އާސެނަލަށް މޮޅުވާން މަޖުބޫރުވެފައި އޮތް މެޗެކެވެ. ނަމަވެސް މި މެޗުގައި އާސެނަލްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު މުޅި މެޗުގައި ވެސް އެޓީމަށް ނިއުކާސަލްގެ ގޯލްކީޕަރު މާޓިން ޑުބްރަވްކާ ޓެސްޓުކޮށްލެވުނީ އެންމެ ފަހަރަކު އެވެ. އެއީ 25 ޔާޑު ދުރުން އާސެނަލްގެ މިޑްފީލްޑަރު މުހައްމަދު އެލްނެނީ ފޮނުވާލި ހަމަލާއެކެވެ.

ލީގުގެ 12 ވަނައިގައި އޮތް ނިއުކާސަލުން މި މެޗުގައި ޖެހި ފުރަތަމަ ގޯލަކީ މެޗުގެ 55 ވަނަ މިނެޓްގައި އާސެނަލްގެ ޑިފެންޑަރު ބެން ވައިޓް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލު ވަދެފައިވަނީ ނިއުކާސަލްގެ ޖޮއެލިންޓަން ނަގައިދިން ހުރަހެއް ބެން ވައިޓް ފައިގައި ޖެހިފަ އެވެ.

މި ގޯލަށްފަހު ވެސް ނިއުކާސަލް އިން ދިޔައީ އާސެނަލްގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 85 ވަނަ މިނެޓްގައި ނިއުކާސަލްގެ ހުނަރުވެރި ބްރެޒިލް މިޑްފީލްޑަރު ބްރޫނޯ ގިމަރޭސް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ.

ލީގުގެ ފަހު މެޗުގައި އާސެނަލް ބައްދަލުކުރާނީ އެވަޓަންއާ އެވެ.