Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ސްޓެލްކޯ އިން އަލުން ފެން އުފައްދަނީ

ރާއްޖޭގައި ކަރަންޓްގެ ހިދުމަތްދޭ ކުންފުނިތަކުގެ ތެރެއިން ސްޓެލްކޯ އިން އަލުން ބޯފެން އުފައްދަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހަމައެކަނި ކަރަންޓްގެ ހިދުމަތްދޭ ކުންފުންޏެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އިތުރު ދާއިރާތައް ސްޓެލްކޯގެ ތެރެއަށް ތައާރަފުކޮށް، އާމްދަނީ އިތުރުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދާދި ފަހުން ގާއިމުކުރި 50 މެގަވޯޓް އިންޖީނުން، ފެން ކުންފުންޏަކުން ފެން އުފައްދާ މިންވަރަށް ބޯފެން އުފެއްދޭނެ ކަމަށް ވިދާޅުވި އެވެ.

ފެން އުފެއްދުމުގެ ޤާބިލްކަން ސްޓެލްކޯގައި ހުރިކަން ފާޖަހަކޮށް ޝަރީފް ވިދާޅުވީ ފެން އުފައްދައި މާކެޓްކުރުމަށް މިހާރު ސީރިއަސްކޮށް ވިސްނަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ 50 މެގަވޯޓު ދާދި އިހަށް ދުވަހަކު އެސްޓަބްލިޝް މިކުރެވުނީ. އެކަން ކުރެވުނު އިރު ފަންސާސް މެގަވޯޓްގައި އަޅުގަނޑުމެންގެ އަތުގައި ފެން އުފެއްދުމުގެ ކެޕޭސިޓީ އެބަހުއްޓޭ އާދައިގެ ފެން އުފައްދާ ކުންފުންޏެއްގައި ފެން އުފެއްދުމުގެ ކެޕޭސިޓީއާ އެއްވަރަށް،" އޭނާ ވިދާޅުވި އެވެ. "އެ ޔޫޓިލައިޒް ކުރުމުގެ ވިސްނުންތަކެއް އަޅުގަނޑުމެންގެ އެބަހުރި. އެފެން މާކެޓަށް ނެރެވޭނެ ގޮތަކާ ގުޅޭގޮތުން މަސައްކަތްތަކެއް ކުރަމުން އެބަދަން."

ސްޓެލްކޯ އިން ކުރިން ބޯފެން ނެރުނީ އިންޖީނުގެ ހޫނުން އުފެދޭ ފެން، ފުޅީގައި ބަންދުކޮށްގެން "ސްޓެލްކޯ ފެނު" ގެ ނަމުގަ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގަ އެވެ. އެކަމަކު ފަހުން އެ މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ.

ޝަރީފް ވިދާޅުވީ ފެން އުފެއްދުމުގެ ވިޔަފާރީގެ އިތުރުން ސްޓެލްކޯ އިން ރިއަލް އެސްޓޭޓާި އިޝްތިހާރުކުރުމާއި ރިސޯޓްތަކުގެ ކަރަންޓުގެ ޚިދުމަތުގެ ވިޔަފާރި ފަދަ ހިދުމަތްތަކިގެ ތެރެއަށް ވަންނަން ބޭނުންވާ ކަމަށެވެ. އެގޮތުން އެހެން ވިޔަފާރިތަކަށް ސްޓެލްކޯއިން ވަނުމުން ކުންފުނީގެ ކަރަންޓްގެ ހިދުމަތުގެ އަގަށް ވެސް މިހާރަށް ވުރެ ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.