Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

އައްޑޫ ބިން ހިއްކުން ޝެޑިއުލާ އެއްގޮތަށް ދާނެ

އައްޑޫ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ރޭވިފައިވާ ގޮތަށް ކުރިއަށް ދާނެ ކަމަށާއި އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތައް މިހާރު ވެސް ކުރިއަށްދާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ބިން ހިއްކުން މިހާރު ޝެޑިއުލްކޮށްފައިވާ ގޮތަށް ބަލާ އިރު، ޖުލައި މަހުގެ ތެރޭގައި ބިން ހިއްކުމަށް ބޭނުންވާ ވެލި އައްޑޫގެ އެތެވަރިން ނެގެން ހުރި ތަންތަނާއި މިންވަރު ދެނެގަނެވޭ ކަމަށެވެ.

"ވެލި ނެގެން ހުރި މިންވަރު ކޮންމެވެސް މިންވަރަކަށް އެނގި ތިބެގެން ބިޑް އެވޯޑުކޮށްފައި އެ އޮތީ. އެހެން ނަމަވެސް މޮބިލައިޒް ކުރުމުގެ ކުރިން ސީދާ ކިހާ މިންވަރެއްގެ ވެއްޔެއްތޯ، ކިތަށް ތަނުން ވެލި ނަގަން ޖެހޭނެތޯ ޔަގީން ކުރުމަށް ގްރައުންޑް ޓްރުތިން ހަދަން ކޮންޓްރެކްޓާ ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ. ""ޕްރޮޖެކްޓް މޮބިލައިޒް ކުރުމުގެ ކުރިން ކުރަންޖެހޭ ކަންކަން ހުރޭ. އޭގެ ތެރޭގައި އީއައިއޭ ފައިނަލައިޒްކުރަން ޖެހޭ. އާންމުގޮތެއްގައި ކޮންޓްރެކްޓެއްގައި ސޮއި ކުރުމާއެކީގައި ހުއްދަ ހޯދަންޖެހޭ ކަންކަން ހުރޭ. އަދި ސޭންޑް ސާޗެއް ވެސް ކުރާނެ."

އަސްލަމް ވިދާޅުވި ގޮތުގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތަކުގެ ދަށުން މޮބިލައިޒްކުރުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބިން ހިއްކުން ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށާއި އެ މަޝްރޫއަކީ ހިންގާނެ ކަމެއް ކަމަށެވެ.

އައްޑޫން ބިއް ހިއްކަން ނެދަލޭންޑްސްގެ ވެން އޫޑްއާ ސަރުކާރުން ހަވާލުކުރީ މިދިޔަ މާޗް މަހުގެ 27 ގަ އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މަޝްރޫއެކެވެ.

އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:

* ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކާނެ
* ޖުމްލަ 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާނެ
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ
* މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާނެ

މިއީ އައްޑޫގައި ބިން ހިއްކަން މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއެވެ. އައްޑޫ ސިޓީ އުންސިލުން ބުނި ގޮތުގައި މި މަޝްރޫއުގެ ސަބަބުން މިހާރު އައްޑު އަށް އޮތް ބިމުގެ ދަތިކަން ކުރިއަށް 50 އަހަރަށް ހައްލުވާނެ އެވެ. މި މަޝްރޫއާ ގުޅޭ ގޮތުން މިދިޔަ މަހު ވެން އޫޑްގެ އޮފިޝަލުންތަކެއް ކައުންސިލާ ވެސް ބައްދަލުކޮށް މަޝްވަރާތަކެއްކޮށްފައިވެ އެވެ.