ޑިފެންސް މިނިސްޓަރި މާރިޔާ އަހުމަދުދޫދީގެ ގޭގައި "އިންޑިއާ އައުޓް" ސްޕްރޭކޮށްފި އެވެ.
އެ ގޭގެ ދޮރެއްގައި އެ އިބާރާތް ލިޔެފައި އިނީ އޮރެންޖް ކުލައިގެ ސްޕްރޭއަކުންނެވެ. އެކަމަކު މިއީ ކޮން ބަޔަކު، ކޮން އިރަކު ކުރި ކަމެއް ނޭނގެ އެވެ. އަދި އެކަމާ ގުޅިގެން ރަސްމީކޮށް މާރިޔާގެ ފަރާތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
"އިންޑިއާ އައުޓް" އަކީ ރާއްޖޭގެ އިދިކޮޅުު ކޯލިޝަން ކަމަށްވާ ޕީޕީއެމާއި ޕީއެންސީން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވައިލާ ކުރިއަށް ގެންދާ ކެމްޕޭނުގައި ބޭނުންކުރާ ޝިއާރެވެ.
"އިންޑިއާ އައުޓް" އަކީ ގައުމީ ސަލާމަތެއް ހުރި ނުރައްކަލެއް ކަމަށް ރިޔާސީ ގަރާރަކުން ކަނޑައަޅާފައިވާ އިރު، މި އިބާރާތް ލިޔެފައިވާ ބެނާތައް ދެމުމާއި ކަރުދާސްތައް މަގުމައްޗަށް އެޅުން ފަދަ ކަންކަން މި ފަހުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. މިކަންކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނި އެކަން ކުރާ މީހުން ހޯދައި ފިޔަވަޅު އަޅާނެ ކަމަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން އައްޑޫ މޭޔަރު އަލީ ނިޒާރުގެ ކާރަށް ވެސް "އިންޑިއާ އައުޓް" ސްޕްރޭކޮށްފައިވާ އިރު، ރާއްޖޭގެ އެކި ރަށްރަށުގެ އެކި ތަންތަނުގެ ފާރުތަކަށް ވެސް އެ ޝިއާރު ސްޕްރޭކޮށްފައިވެ އެވެ.