Last Updated: April 20, 18:01
Saturday, April 20, 2024
ރިޕޯޓް

އައްޑޫ އާ ކައުންސިލަށް އަހަރެއް؛ ވީ ކޮން ކަމެއް؟

މިއަދަކީ އައްޑޫ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް އަހަރެއްވީ ދުވަހެވެ. އެއާ އެކު އުފެދޭ ސުވާލުތަކަކީ ފާއިތުވި އަހަރުގެ ތެރޭގައި ކައުންސިލަށް ކުރެވުނީ ކޮން ކަމެއްތޯ އެވެ؟ އެއްވެސް ކަމެއް ހާސިލުވެއްޖެތޯ އެވެ؟ ރައްޔިތުން ބޭނުންވާ ފަދަ ނަތީޖާތަކެއް އަހަރުގެ ދުވަހުގެ ތެރޭގައި ނެރެވުނު ހެއްޔެވެ؟

މި ސުވާލުތަކަށް ކުރުކޮށް އެއްޗެއް ބުނާ ނަމަ ބުނެވެން އޮތީ ރައްޔިތުން އެދޭ ފަދަ މަސައްކަތެއް މި ކައުންސިލަށް އަދި ކުރެވިފައި ނެތޭ އެވެ. ރޭވި މުހިއްމު ކަންކަމުގެ ތެރެއިން ސީދާ ރައްޔިތުންނާ ގުޅުން ހުރި، އަދި އައްޑޫގެ ތަރައްގީ އާއި ކުރިއެރުމާ ވެސް ގުޅިފައި ހުރި އެއްވެސް ކަމަކުން ނަތީޖާއަކާ ހަމައަށް ދެވިފައެއް ނެތެވެ.

މި ކައުންސިލްގެ ތަފާތަކީ ކައުންސިލްގެ ކުރީގެ ދައުރުތަކާ ހިލާފަށް ބޯ ގިނަވުމެވެ. ކުރިން ކައުންސިލަރުން ތިބި އަދަދަށް ވުރެ ދެގުނަ އެވެ. ބޯގިނަވެގެން ކުރެވޭ މަސައްކަތްތައް އިތުރުވާ ނަމަ އައްޑޫ ކައުންސިލުން އެ މަންޒަރު ފެންނާނެ އެވެ. ހަތަރު ވަނަ ދައުރުގައި 13 ކައުންސިލަރުން އެބަތިއްބެވެ. މީގެ ތެރެއިން ތިން ކައުންސިލަރުންނަކީ އިންތިހާބަކާ ވެސް ނުލައި ގޮނޑި ކާމިޔާބުކުރެއްވުނު ކައުންސިލަރުންނެވެ.

މިހާރުގެ ކައުންސިލުން އައްޑޫގައި ކުރަން ރޭވި އެންމެ މުހިއްމު އެއް ކަމަކީ ލޯކަލް ޓޫރިޒަމް ފުޅާކޮށް ކުރިއަރުވަން ފެށި މަސައްކަތެވެ. ފަސް ސަރަހައްދެއްގައި ޓޫރިޒަމް ޒޯންތަކެއް ހަދައިގެން، ޓޫރިސްޓް ފެސިލިޓީތަކެއް ހަދަން ޕްލޭންތަކެއް ކުރި ނަމަވެސް އަހަރު ދުވަހުގެ ތެރޭގައި އޭގެ ތެރެއިން އެއްވެސް ފެސިލިޓީއެއް ހިދުމަތަށް ނެރެވިފައެއް ނުވެ އެވެ. އަދި ފާހަގަކޮށްލަން ޖެގޭ އެއް ކަމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އައްޑޫގެ ބެޑް ކެޕޭސިޓީ 8،000 އަށް އިތުރުކުރަން ވި ވައުދަށް ވެސް، ކުރިއެރުމެއް ނާންނަ ކަމެވެ.

ކައުންސިލްގެ ބަޖެޓުން ބޮޑު ހަރަދެއްކޮށްގެން ކައުންސިލަރުންތަކެއް މާލެ ވަޑައިގެން ސަރުކާރުގެ އެކިއެކި މުއައްސަސަތަކާ ބައްދަލުކޮށް "ބޮޑެތި" ވާހަކަތަކެއް ދެއްކި ނަމަވެސް އެ ދަތުރުން ނުކުތް ހެޔޮ ނަތީޖާއެއް ވެސް ފެންނާކަށް ނެތެވެ.

ކައުންސިލްގެ މި ދައުރުގެ އަހަރު ދުވަހަށް ބަލާ އިރު ބޮޑަށް ފާހަގަކުރެވިފައި ހުރީ ފާޑުކިޔުންތައް އަމާޒުވެ، ރައްޔިތުންގެ ނުރުހުން ވެސް ލިބޭ ކަހަލަ ކަންކަން ބޮޑަށް ކުރެވިފައި ހުރި ކަމެވެ. އެފަދަ ކަންކަމުގެ ތެރޭގައި އައްޑޫ ލިންކް ރޯޑުގެ "ރުއް ފަށާ" އުފުރާލުމާއި ރުއްޖެހެރަ ޕިކްނިކް ޒޯނަކަށް ބަދަލުކުރުމުގެ މަސައްކަތް އީޕީއޭގެ ހުއްދަ ނެތި ފެށުމާއި އިކްޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދުން ނެގި ގޯތީގެ ކަންކަން ވެސް ރައްޔިތުން ލޭކެކޭ ގޮތަށް ނިންމަން ދިމާކުރުން ފަދަ ކަންކަމެވެ.

މީގެ އިތުރުން ލާމަރުކަޒީ ގާނޫނުގައި ބުނާ ރައްޔިތުންގެ ބައްދަލުވުންތައް މުއްދަތަށް ބޭއްވިފައި ނުވެއެވެ. ކައުންސިލްގެ ބަޖެޓު ފާސް ކުރުމަށާއި، ލޭންޑު ޔޫސް ޕްލޭން ހެދުމަށް ބައްދަލުވުން ބާއްވާފައިވަނީ ރައްޔިތުން ފާޑު ކިޔަން ފެށުމުން "އަމާ ބުނީތީ ފަރަށްދާ" އުސޫލުންނެވެ. އައްޑޫގެ ބައެއް އަވަށް ތަކުގެ ރައްޔިތުންނާއި ބައްދަލު ކުރި ނަމަވެސް އަހަރު ވެގެން ދިޔަ އިރު އާބާދީ ބޮޑު އައްޑޫގެ ވެރިކަން ކުރާ ހިތަދޫގެ ރައްޔިތުންނާއި ކައުންސިލުން ބައްދަލުކޮށްފައި ނުވެއެވެ.

މީގެ އިތުރުން ފޭދޫ ބިން ހިއްކުމަށް ފަހު، ރިވެޓްމަންޓަށް ގެނައި ހިލަތަކުގެ ތެރެއިން ބާކީ ހުރި ބޮޑު ހިލަތަކެއް އިންޑިއާ ސަރުކާރުގެ އެހީގައި ހަދާ އައްޑޫ ޕޮލިސް ކޮލެޖަށް ގެންދިއުން ފަދަ ކަންކަމަކީ ކައުންސިލާ ދެކޮޅަށް ރައްޔިތުން ވަރަށް ބޮޑަށް އަޑުއުފުލި ކަންކަމެވެ. މީގެ އިތުރުން މި ފަހުން ކައުންސިލަށް ދެން އެންމެ ބޮޑަށް ފާޑުކިޔުންތައް އަމާޒުވި ކަމަކީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، އޭނާ މަގާމުން އެކަހެރިކުރުމެވެ.

އަބަދު ވެސް ރައްޔިތުން ފާހަގަކުރާނީ ނުކުރެވޭ ކަންކަމުގެ ވާހަކަ އެވެ. އެއީ ކަން ހިނގާ އާންމު އުސޫލު ވެސް މެ އެވެ. އެހެންވެ ކައުންސިލަށް އަހަރެއްވީ އިރު އެކަންކަމާ ދޭތެރޭ ކައުންސިލުން ފިކުރުކޮށް، މަސައްކަތްތައް އިތުރަށް ރަނގަޅުކުރަން ޖެހެ އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް މިހާރު ކަންކަން ކުރެވޭނެ ފުރުސަތުތައް އެބައޮތެވެ. އެކަމަކު އަދިވެސް ކަމެއް ނުވެގެން އެ ވާހަކަ ދައްކައިފި ނަމަ އެ ގާނޫނުގައި ހުރި ބާގަނޑުތަކުގެ ވާހަކަ އާއި ގާނޫނު އޮތް ގޮތުން "އަތްބަނދެވިފައި" ތިބެން ޖެހުމުގެ ވާހަކަ އަކީ ބަހަނާއަކަށް ހަދާފައި މިހާރު ވެސް ކައުންސިލުން ދައްކާ ވާހަކައެކެވެ.

ބޭނުން ވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ކައުންސިލެކެވެ. ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ގޮތް ނިންމާ އިރު، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާ ކައުންސިލެކެވެ. ނަމަވެސް މިއަދު އޮތް އައްޑޫ ސިޓީ ކައުންސިލަކީ ރައްޔިތުންނާއި ދުރު ކައުންސިލެކެވެ. ނަތީޖާ ނެރޭ ވަރަށް ވުރެ ބޮޑަށް ކައުންސިލަރުން ވަނީ ބައިބައިވެފައެވެ. އެކައްޗެއް ކިޔައި ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތެއް ކުރަން އުޅޭ މަންޒަރެއް ނުފެނެއެވެ.

އައްޑޫ ކައުންސިލާއި މެދު އާއްމު ރައްޔިތުން ކުރި އުއްމީދުތައް ވިއްސިވިހާލިވެފައިވާ އިރު އައްޑޫގެ މޭޔަރެއްގެ ހައިސިއްޔަތުން އަލީ ނިޒާރަކަށް ލީޑަރޝިޕެއް ނުދެއްކެއެވެ. އަދި ރައްޔިތުން ބޭނުންވާ ތަރައްޤީ އާއި ދިމާލަށް ގެންދެވިދާނެކަމާއި މެދު ގިނަ ރައްޔތުން މިއަދު ސުވާލު އުފައްދައެވެ.