Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އައްޑު އާއި ޓުޓިކޮރިން ދަތުރުތައް ހުއްޓާލައިފި

އައްޑޫ އަދި ހުވަދޫއަށް އިންޑިއާގެ ޓުޓިކޮރިން އިން ކާގޯ ގެންނަ އެސްޓިއޯގެ ބޮންތި2 ބޯޓު، ފޮޓޯ: ޕީއެސްއެމް

އައްޑު އާއި އިންޑިއާގެ ޓުޓިކޮރިންއާ ދެމެދު އޮޕަރޭޓްކުރަމުން އައި ކާގޯ ބޯޓުގެ ދަތުރުތައް ހުއްޓާލައިފި އެވެ.

މޯލްޑިވްސް ސްޓޭޓު ޝިޕިން (އެމްއެސްއެސް) އިން ބުނީ ދަތުރުތައް ހުއްޓާލީ ދަތުރުކުރި ބޯޓުގެ ބާވެ، ހަދަން ޖެހޭ ބައެއް ސާވޭތައް ހެދެން ނެތުމުން ކަމަށެވެ. އެހެންވެ ބޯޓުގެ ދަތުރުތައް މެދުކެނޑޭކަން މުދާ އެތެރެ ކުރާ ފަރާތްތަކަށާއި ސަޕްލަޔަރުންނަށް ވެސް ކުރިއާލާ އަންގާފައިވާ ކަމަށް ބުންޏެވެ.

އެ ކުންފުނިން ބުނީ އައްޑު އަށް ކާގޯ ބޯޓު އޮޕަރޭޓުކުރަން އަލުން ފެށޭނެ ދުވަހެއް ބުނަން ވެސް ނޭނގޭ ކަމަށެވެ.

އައްޑު އާއި ޓުޓިކޮރިންއާ ދެމެދު ކާގޯ ދަތުރުތައް ފެށީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ވަރަށް ކައިރިވެފައި ވަނިކޮށް ޑިސެމްބަރު 10، 2020 ގަ އެވެ. އެ ދުވަހު އައްޑޫގެ ސަރަހައްދީ ބަނދަރަށް 500 މެޓްރިކް ޓަނު މުދާ ގެނަ އެވެ. އޭގެ ފަހުން އައްޑޫގެ ވިޔަފާރިވެރިން ވަނީ އެ ބޯޓަށް ބަރޯސާވެ އިންޑިއާ އިން ކާބޯތަކެތި އެތެރެކޮށް އަގު ހެޔޮކޮށް ވިއްކަމުން އައިސްފައިވެ އެވެ. އަދި ދަތުރުތަކާ އެކު ސިމިންތީގެ އަ ގުވެސް 95ރ. ދަށްވި އެވެ.

އައްޑޫގެ ވިޔަފާރިވެރިޔަކު ބުނީ ކާގޯ ބޯޓު ހުއްޓާލުމާ ގުޅިގެން އަނެއްކާ ވެސް މާލެއިން ފިޔަ އާއި އަލުވި އަދި ބިސް އެތެރެ ކުރާ އިރު މިހާރު އެ ތަކެތީގެ އަގު ބޮޑުވެފައިވާ ކަމަށެވެ.

"ސްޓޭޓު ޝިޕިން އިން ދަތުރު ފަށައި، އަޅުގަނޑުމެން މުދާ ސީދާ ރާއްޖެއިން ބޭރުން ގެނެވޭ ގޮތްވި. ފުރަތަމަ ދެ ދަތުރުގައި ޝިޕިން އަގުހެޔޮ، ފަހުން ސްޓޭޓު ޝިޕިން އިންވެސް އަގުބޮޑު ކުރި، އެކަމަކު ވެސް މާލެއިން ގެނައުމަށް ވުރެ ރަނގަޅު. އެހެން އެކަން ކުރަމުން ދަނިކޮށް ދަތުރު ހުއްޓާލީ،.މިހެން ހެދީމަ ވަރަށް އުނދަގުވޭ މި ފަދަ ފަރާތްތަކަށް ބަރޯސާވާން." ހިތަދޫގެ ވިޔަފާރިވެރިއަކު ބުންޏެވެ.

އައްޑު އާއި ޓުޓިކޮރިންގެ ދަތުރު އް ހުއްޓާލާފައިވާ އިރު މިހާރު އައްޑޫން އިމާރާތް ކުރުމަށް ބޭނުންވާ ސާމާން ލިބުން ދަތިވެފައިވެ އެވެ. އަދި ސިމެންތީގެ އަގު ބޮޑުވެފައިވެ އެވެ.