Last Updated: April 24, 23:11
Wednesday, April 24, 2024
ރިޕޯޓް

ބައެއް މީހުން ހެލްމެޓް އަޅަނީ ނަމަކަށް!

އައްޑޫ ލިންކް ރޯޑްގައި ސައިކަލް ދުއްވާ އިރު ހެލްމެޓް އަޅަން ޖެހެ އެވެ. އެ މަގުގައި 60 ކިލޯމީޓަރަށް ދުއްވަން ހުއްދަ ދީފައި އޮންނަ ސަރަހައްދުގައި ދުއްވާ އިރު ހެލްމެޓް ނާޅާ ނަމަ ގާނޫނީ ގޮތުން ފިޔަވަޅު ވެސް އެޅޭނެ އެވެ.

އައްޑޫ މީހުން ހެލްމެޓަށް ހޭނުނުތާ މިހާރު އެތައް ދުވަހެކެވެ. އެކަމަކު އެއީ "ނަމަކަށޭ" ބުނެވިދާނެ އެވެ. ހަގީގަތުގައި ހެލްމެޓް އަޅަނީ ތިމާގެ އަމިއްލަ ރައްކަލަކަށެވެ. މިއީ މީހަކަށް ނުވަތަ ބަޔަކަށްކޮށްދޭ ކަމެއް ނޫނެވެ. ލިންކް ރޯޑްގައި ސައިކަލް ދުއްވާ އިރު ހެލްމެޓް އަޅަން މަޖޫބޫރުކުރި މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ. މި މަގަކީ މިހާތަނަށް ރާއްޖޭގައި މިހާތަނަށް ހިނގި މަގުމަތީގެ އެންމެ ބޮޑެތި އަދި އެންމެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައިވާ ތަނެވެ. އެކްސިޓެންޓްތަކުގައި މިހާތަނަށް އެތައް ބައެއްގެ ފުރާނަ ވެސް ގެއްލިއްޖެ އެވެ. ބައެއް މީހުން ނުކުޅެދޭ މީހުންނަށްވެފައިވެ އެވެ.

މިހާތަނަށް ހިނގާފައިވާ އެކްސިޑެންޓްތަކަށް ބަލާ އިރު، ނިސްބަތުން ގިނަ އެކްސިޑެންޓްތަކުގައި މަގުގެ ތާރުގަނޑު މައްޗަށް ވެއްޓި ބޮލަށް ލިބުނު ގެއްލުންތައް ގިނަ އެވެ. އެކްސިޑެންޓްތަކުގައި މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ވެސް ބޮލަށް ލިބުނު ސީރިއަސް ގެއްލުންތަކާ ގުޅިގެން މަރުވި މީހުންނެވެ.

އެހެންވެ ހެލްމެޓްގެ ބޭނުންތެރިކަން ބޮޑެވެ. އެއީ ކޮންމެހެން ގާނޫނަކަން ލާޒިމުކޮށްފައި އޮންނަ ކަމަކަށްވާތީ ބޭނުންކުރަން ޖެހޭ އެއްޗެއް ނޫނެވެ. ނަމަވެސް ބޮޑު މަންޒަރަށް ބަލާ އިރު، ބައެއް މީހުން ހެލްމެޓް އަޅަނީ ނަމަކަށެވެ. ބޯމަތީގައި "އެއްޗެއް ބޭއްވެނިކޮށް" ނިމުނީ އެވެ.

>

ބައެއް މީހުން ހަގީގަތުގައި ބޭނުންކުރަނީ ރައްކާތެރިކަން ހޯދަން ނުފުދޭ ކަހަލަ ހެލްމެޓްވެ. ހެލްމެޓް ނާޅައި ދުއްވާ ތަން ފެނިއްޖެ ނަމަ ފުލުހުން ހުއްޓުވައި، ފިޔަވަޅު އަޅައިފާނެތީ ބޯމަތީގައި ބައެއް މީހުން ހަމަ "އެއްޗެއް" ބާއްވަނީ އެވެ. ތިމާގެ އަމިއްލަ ރައްކަލާއި ދުއްވާ ސައިކަލުގެ ފަހަތުގައި އިންނަ މީހާގެ ރައްކަލާ ދޭތެރޭ ވެސް ވިސްނާ މީހުން މަދެވެ.

މި މައްސަލަ ބޮޑުވެފައިވާތީ ފުލުހުން މިހާރު ވަނީ މިންގަނޑަށް ފެތޭ އަދި ގާނޫނުގައި ވެސް ބުނެފައިވާ ހެލްމެޓް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. މިކަން އިތުރަށް ބަލަން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 އިން ފެށިގެން ފުލުހުން ހާއްސަ މަސައްކަތްތަކެއް ވެސް އައްޑޫގައި ފަށާނެ އެވެ. އެހެންވެ ދެން ކޮންމެ ކޮންމެ ކަހަލަ ހެލްމެޓެއް ބޭނުމެއް ނުކުރެވޭނެ އެވެ. ކުރާނަ އޮތީ ގާނޫނީ އަދަބަކާ ކުރިމަތިލުމެވެ.

ހެލްމެޓާ ގުޅޭ ހާއްސަ މަސައްކަތެއް ފަށަން ތައްޔާރުވާ އިރު، މީގެ ކުރިން ވެސް ތަކުރާރުކޮށް މިންގަނޑަށް ފެތޭ، ރައްކާތެރިކަން ލިބޭ ކަހަލަ ހެލްމެޓް ބޭނުންކުރަން ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ. އެކަމަކު މިކަމަށް ސަމާލުކަން ދެވޭ މިންވަރު ވަރަށް ކުޑަ އެވެ. ހޭލުންތެރިކަން ކުޑައީއޭ ބުނުމަށް ވުރެ، ރަނގަޅުވާނީ ފަރުވާ ކުޑައިއްޔޭ ބުނިއްޔާ އެވެ. ތިމާ އަމިއްލަ އަށް ނުހޯދި ރައްކަލެއް ލިބޭނީ ކިހިނެއް ހެއްޔެވެ؟

ދުއްވާ ކޮންމެ މީހެއްގެ ފަހަތުން ފުލުހުން ދިއުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވެ ފުލުހުން އެ ދޭ ނަސޭހަތާ އެއްގޮތަށް ރަނގަޅު ހެލްމެޓެއް ކޮންމެ މީހަކު ވެސް ހޯދަން ޖެހެ އެވެ. ފުލުހުން ވަނީ އަޅާ ހެލްމެޓަކީ ވަކިން މިންގަނޑުތަކެއް ހުންނަން ޖެހޭނެ އެއްޗެއްކަން ވެސް ހަނދާންކޮށް ދީފަ އެވެ.

އެގޮތުން އަޅާ ހެލްމެޓަކީ ބޮލަށް ހެޔޮވަރު އެއްޗަކަށް ވާނެ ޖެހޭނެ އެވެ. ދަތްދޮޅި ދަށުން ހަރުކުރެވޭ ގޮތަށް ކަމަރެއް އިންނަ ހެލްމެޓަކަށް ވާން ޖެހޭނެ އެވެ. ތޫނު އެއްޗެއް ހަރުކޮށްފައި ނެތް ހެލްމެޓަކަށް ވާން ޖެހޭނެ އެވެ. އަދި ސާފުކޮށް މޫނުމަތި ޝީލްޑެއް އިންނަ ހެލްމެޓަކަށް ވާން ޖެހޭނެ އެވެ.

މިއީ ހެލްމެޓެއްގައި ހުރުން ލާޒިމު ކަންކަމެވެ. މިއާ އެކި ފުލުހުން ވަނީ ބޭނުންކުރަން އެކަށޭނެ ނަމޫނާ ހެލްމެޓްތަކެއްގެ ވާހަކަ ވެސް އާންމުންނާ ހިއްސާކޮށްފަ އެވެ. އެހެންވެ ހެލްމެޓެއް ހޯދާ އިރު، ފުލުހުން ފާހަގަކޮށްފައިވާ ކަންކަން ފުރިހަމަވާ ކަހަލަ ހެލްމެޓެއް ހޯދަން ޖެހެ އެވެ.

ނަމަކަށް ހެލްމެޓް އެޅުމުގެ ބޭނުމެއް ނެތެވެ. ހެލްމެޓެއްގެ ބޭނުމަކީ ތިމާގެ ރައްކާތެރިކަމެވެ. އެހެންވެ ކޮންމެ މީހަކު ވެސް މިކަން ހަނދާނުގައި ބަހައްޓަން ޖެހެ އެވެ. ކަމެއް ވާނީ ބުނެފައެއް ނޫނެވެ. ރައްކާވެ ތިބިއްޔޭ ދަތުރޭ ބުނާ ފަދައިން ދުރާލައި ރައްކާޔެރިކަން ހޯދަމާ ހިނގާށެވެ.