ތ. ވިލުފުށީ ކައުންސިލްގެ ހަރަދުގައި ހައްޖަށް ދާން ޝައުގުވެރިވާ މީހުންނަށް ހުޅުވާލި ފުރުސަތަށް ކުރިމަރިލާން ދިން މުއްދަތު އިތުރުކޮށްފި އެވެ.
ކައުންސިލްގެ ހަރަދުގައި ހައްޖަށް ދާން ޝައުރުވެރިވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ ފަހުކޮޅު ހުޅުވާލައި ކުރިމަތިލާން ދިން ސުންގަޑި އަކީ މިއަދެވެ. ނަމަވެސް އެ މުއްދަތު މިހާރު މި މަހުގެ 31 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލްގެ ހަރަދުގައި މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ރަށުގެ ރައްޔިތަކު ހައްޖަށް ފޮނުވަން ނިންމާފައިވެ އެވެ.
މި އަހަރު އަލަށް އެ ފުރުސަތު ހުޅުވާލި އިރު އެ ފުރުސަތު ދޭނީ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ނުވާ ވިލުފުށީގެ ރަށްވެހީންގެ ރަޖިސްޓްރީގައި ހިމެނޭ އަދި އަމިއްލަ ޚަރަދުގައި ހައްޖަށް ދެވޭނެ ތަނަވަސްކަން ނެތް 50 އަހަރު ފުރިފައިވާ މީހަކަށެވެ. އަދި އެ މީހަކީ އެހެން މީހއްގެ އެހީއާ ނުލައި އަމިއްލައަށް އުޅެވޭ ފަދަ ސިއްހީ ހާލަތު ރަނގަޅު މީހަކަށްވުމުގެ އިތުރަށް ޖިނާއީ ކުށެއްގެ ތުހުމަތުގައި ތަހުގީގެއްކުރެވެމުންދާ މީހަކަށް ނުވުމާއި ކުށެއް ސާބިތުވެ ހުކުމެއް ތަންފީޒުކުރާ މީހަކަށް ނުވުން ވެސް ހިމެނެ އެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު ވިލުފުށީ ކައުންސިލްގެ ނަންބަރު 6780701 އިން ރަސްމީ ގަޑިތަކުގައި ހޯދޭނެ އެވެ.