ރާއްޖެ އަށް މިދިޔަ މާޗް މަހުގެ ތެރޭގައި އެތެރެކުރި 12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައ ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކަކަށް ދައުވާކުރަން ނިންމައި، އަނެއް ދެ މީހުން ދޫކޮށްލަން ނިންމައިފި އެވެ.
މާޗް މަހުގެ 14 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ 12.6 ކިލޯގެ މަސްތުވާތަކެއްޗާ އެކީ ހައްޔަރުކުރީ ބަންގްލަދޭޝްގެ ކައުސަރު އަލަމް، 30، އާއި އިންޑިއާގެ ސްމޭޝް ކޭއޭ ކްރިސްޓަން ކުޓީ، 34، ގެ އިތުރުން ނ. ވެލިދޫ މަރިޔާޒް މުހައްމަދު އަބްދުއްލަތީފް، 30، އެވެ.
މި ތިން މީހުންގެ ތެރެއިން ދައުވާކުރަން ނިންމީ ކުޓީއަށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އަނެއް ދެ މީހުން ދޫކޮށްލީ ޖިނާއީ ދައުވާއެއްކުރެވޭ ވަރުގެ ހެއްކެއް ނެތުމުން ކަމަށެވެ.
ކުއްޓީގެ މައްޗަށް ދައުވާކުރަން ޕީޖީ އަށް ހުށަހަޅާފައިވާ އިރު އޭނަގެ ބަންދަށް ކޯޓުން އިއްޔެ ވަނީ އިތުރު 15 ދުވަހުގެ މުއްދަތެއް ވެސް ދީފަ އެވެ.