Last Updated: April 19, 17:49
Friday, April 19, 2024
ކުޅިވަރު

ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް އަންހެން ރެފްރީން

ސްޓެފަނީ ފްރެޕާޓް

ފިރިހެނުންގެ ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް އަންހެން ރެފްރީންނަށް ދިނުމަށް ފީފާ އިން ނިންމައިފި އެވެ.

މިއަހަރުގެ ނޮވެމްބަރު މަހު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ނެގި އޮފިޝަލުންގެ ތެރެއިން ހަ އޮފިޝަލުންނަކީ އަންހެނުންނެވެ. އޭގެތެރޭގައި ހިމެނެނީ ތިން ރެފްރީންނާއި ތިން އެސިސްޓެންޓް ރެފްރީންނެވެ.

އެގޮތުން ވޯލްޑް ކަޕްގައި ހަރަކާތްތެރިވާނެ އަންހެން ރެފްރީންނަކީ ފްރާންސަށް ނިސްބަތްވާ ސްޓެފަނީ ފްރެޕާޓް އާއި ރްވާންޑާ އަށް ނިސްބަތްވާ ސަލީމާ މުކަންސަންގާގެ އިތުރުން ޖަޕާނުގެ ޔޮޝީމީ ޔަމަޝީތާ އެވެ. އަދި އެސިސްޓެންޓް ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވާނީ ބްރެޒިލްގެ ނިއުޒާ ބެކް އާއި މެކްސިކޯގެ ކަރެން ޑިއާޒްގެ އިތުރުން އެމެރިކާގެ ކެތްރީން ނެސްބިޓް އެވެ.

އަންހެން ރެފްރީންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ސްޓެފަނީ ފްރެޕާޓް އެވެ. އެގޮތުން އޭނާ ވަނީ ފްރެންޗް ލީގާއި، ޗެމްޕިއަންސް ލީގުގެ އިތުރުން ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ރެފްރީކަން ކޮށްފަ އެވެ.

ވޯލްޑް ކަޕްގައި ޖުމްލަ 39 ރެފްރީންނާއި، 69 އެސިސްޓެންޓް ރެފްރީންގެ އިތުރުން 24 ވީޑިއޯ މެޗް އޮފިޝަލުން ހަރަކާތްތެރިވާނެ އެވެ.

ފީފާގެ ރެފްރީސް ކޮމިޓީގެ ޗެއާމަން ޕިއޭލުއިޖީ ކޮލީނާ ވިދާޅުވީ ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމުގެ ފުރުސަތު އަންހެން ރެފްރީންނަށް ހައްގު ކަމަށާއި އެގޮތުން އަންހެން ރެފްރީންނަކީ ގަވާއިދުން ވަރަށް ހައި ލެވެލެއްގައި މަސައްކަތް ކުރަމުން އަންނަ ބައެއް ކަމަށެވެ.

ވޯލްޑް ކަޕް ކުރިއަށް ދާނީ މިއަހަރުގެ ނޮވެމްބަރު 21 އިން ޑިސެމްބަރު 18 ގެ ނިޔަލަށެވެ.