Last Updated: May 8, 02:23
Tuesday, May 7, 2024
ކުޅިވަރު

އެވަޓަން ރެލިގޭޝަނުން ސަލާމަތްވެއްޖެ

ކްރިސްޓަލް ޕެލެސް 3-2 އިން ބަލިކުރުމަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަނުން އެވަޓަން ސަލާމަތްވެއްޖެ އެވެ.

ރޭގެ މޮޅާއެކު 37 މެޗުން ލިބުނު 39 ޕޮއިންޓާ އެކު އެވަޓަން އޮތީ ލީގުގެ 16 ވަނައިގަ އެވެ. ލީގުގައި ބާކީ ދެން އޮތީ އެއް މެޗު ކަމަށްވާއިރު އެ މެޗުން ބަލިވި ނަމަވެސް ދެން އެވަޓަން ރެލިގޭޓެއް ނުވާނެ އެވެ. ޕްރިމިއާ ލީގުން ދެން ރެލިގޭޓް ވުމުގެ ބިރު މިހާރު އޮތީ ލީޑްސް ޔުނައިޓެޑް އަދި ބާންލީ އަށެވެ. އެގޮތުން 37 މެޗުން ލިބުނު 35 ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގައި ބާންލީ އޮތްއިރު މިވަގުތު ރެލިގޭޝަން ޒޯނުގައި އޮތް ލީޑްސް އަށް ވެސް 37 މެޗުން ލިބުނީ 35 ޕޮއިންޓެވެ. ބާންލީ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ލީގުގެ ފަހު މެޗުން ދެ ޓީމުވެސް އެއްވަރުވެގެން ނިމިއްޖެނަމަ ލީޑްސް ރެލިގޭޓް ވާނެ އެވެ. ޖުމްލަ ތިން ޓީމެއް ލީގުން ރެލިގޭޓް ވާއިރު މިހާރު ރެލިގޭޓް ވެފައިވަނީ ނޯވިޗް ސިޓީ އަދި ވޮޓްފޯޑް އެވެ.

އެވަޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ޕެލެސް އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފަ އެވެ. އެގޮތުން ޕެލެސްގެ ފުރަތަމަ ގޯލު މެޗުގެ 21 ވަނަ މިނެޓްގައި މަޓޭޓާ ކާމިޔާބުކޮށްދިންއިރު ދެވަނަ ގޯލު މެޗުގެ 36 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖޯޑަން އަޔޫ އެވެ.

ދެވަނަ ހާފްގެ ކުރީކޮޅު އެވަޓަންގެ ޑިފެންޑަރު މައިކަލް ކީން އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން އިރު އެވަޓަން އަށް ނަތީޖާ އެއްވަރުކޮށްދިން ގޯލު މެޗުގެ 75 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރިޗާލިސަން އެވެ. އަދި މި މެޗުން އެވަޓަން އަށް ތިން ޕޮއިންޓު ހޯދައިދިން ގޯލު މެޗުގެ 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ކަލްވާޓް ލެވިން އެވެ.

ލީގުގައި ރޭ ބާންލީ އާއި އެސްޓަންވިލާ ބައްދަލުކުރި މެޗު 1-1 އިން ނިމުނީ އެއްވަރުވެގެންނެވެ. އަދި ޗެލްސީ އާއި ލެސްޓަ ސިޓީ ބައްދަލުކުރި މެޗު ވެސް 1-1 އިން އެއްވަރުވެގެން ނިމުނުއިރު ޗެލްސީ އަށް މިހާރު ވަނީ ގާތްގަނޑަކަށް ލީގުގެ ތިންވަނަ މަގާމު ކަށަވަރުވެފަ އެވެ.