Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒެއް ހަދަނީ

ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒެއް އައްޑޫ ސިޓީގައި ގާއިމްކުރުމަށް ނިންމައި އެކަމާ ގުޅޭ ގޮތުން އައްޑޫގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުންވުންތަކާއި ހިޔާލު ނުވަތަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެންވަޔަރަމެންޓް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ހިންގާ 'އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް' މަޝްރޫއުގެ ދަށުން ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒެއް އައްޑޫގައި ގާއިމްކުރުމުގެ އަމަލީ މަސައްކަތް ޖުލައި މަހުގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި މަރުކަޒު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫގެ އައު ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގަ އެވެ.

މި މަޝްރޫއުގެ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓް (އީއައިއޭ) މަރުހަލާގެ ދަށުން މި މަޝްރޫއާއި ގުޅޭގޮތުން އައްޑޫގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުންވުންތަކާއި ހިޔާލު ނުވަތަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ހިޔާލާއި ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ އަންނަ ބުރާސްފަތި ދުވަހެވެ.

މިނިސްޓްރީން ބުނީ އައްޑޫ އަދި ފުވައްމުލަކުގައި ހުރި ޕީ.ސީ.ބީ ހިމެނޭ ކަމަށް ބެލެވޭ 1979ގެ ކުރިން އުފައްދައި ރާއްޖެއަށް އެތެރެކޮށްފައިވާ 16 އާލާތެއް ތިމާވެއްޓާއި ރައްޓެހި ގޮތަށް ނައްތާލުމަށް ބޭރު ފެސިލިޓީއަކަށް ފޮނުވުމުގެ ކުރިން މި ފެސިލޓީގައި ސްޓްރޯ ކުރެވޭނެ ކަމަށެވެ. މިމަސައްކަތް ނިމުމުން މި މަރުކަޒު ވެގެންދާނީ ރާއްޖޭގެ ދެކުނު ސަރަހައްދުގައި އުފެދޭ ނުރައްކާތެރި ކުންޔާއި ކެމިކަލް ރައްކާކުރާ ފެސިލިޓީއަކަށެވެ.

މި މަސައްކަތަކީ ރާއްޖެއިން ބައިވެރިވެފައިވާ ސްޓޮކްހޯމް ކޮންވެޝަން އޮން ޕާސިސްޓަންޓް އޯގޭނިކް ޕޮލިއުޓަންޓްސްގެ ދަށުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތަކަށް ވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.