Last Updated: June 22, 13:14
Monday, June 22, 2026
ޚަބަރު

ހުޅުމާލޭ އިސްލާމީ މަރުކަޒު ވާނީ އެންމެ ބޮޑު މިސްކިތަށް

ހުޅުމާލޭގައި ބިނާކުރަން ނިންމާފައިވާ އިސްލާމީ މަރުކަޒަކީ ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތަށް ވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭގައި މިހާރު ބާރު ސްޕީޑްގައި އާބާދުވަމުން އަންނަ ފޭސް ދޭއްގައި އިމާރާތްކުރަން ނިންމާފައިވާ އިސްލާމީ މަރުކަޒަކީ އެތެރޭގައި އެއްފަހަރާ 11،000 މީހުންނަށް އަދި މިސްކިތުގެ ބޭރުގައި އެއްފަހަރާ 10،000 ނަމާދުކުރެވޭނެ ތަނަވަސް މިސްކިތަކަށް ވާނެ އެވެ.

މި މިސްކިތް އިމާރާތްކުރަން ނިންމާފައި ވަނީ ބޭރުގެ އެހީ އާއި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެންނެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ހުޅުމާލޭ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ވެސް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ މިސްކިތް ޑިޒައިންކުރަން ރާއްޖޭގެ އާކިޓެޗަރުންގެ އިތުރުން އާންމުންނަށް ވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ މުބާރާތަކަށް ހުޅުވާލައިފަ އެވެ. މުބާރާތަށް އެއް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، އެއް ވަނަ ޑިޒައިނަށް 700،000ރ. ދެވަނަ އަށް 200،000ރ. އަދި ތިން ވަނަ އަށް 100،000ރ. ދޭން ނިންމާފައިވެ އެވެ.

މުބާރާތަށް ޑިޒައިންތައް ހުށަހަޅަން ދީފައިވާ ސުންގަޑި އަކީ އޮގަސްޓް މަހުގެ 25 އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލޭ އިސްލާމީ މަރުކަޒަކީ ނަމާދުކުރެވޭނެ ތަނާއި ޕާކިން އޭރިއާ އާއި އޮފީސް ބަޔަކާއި މަލްޓީޕާޕަސް ހޯލާއި ސެމިނާ ރޫމާއި ލައިބްރަރީ އަދި ސްޓާފް ކެންޓީނާއި ކްލާސްރޫމްތަކާއި ކޮމާޝަލް އޭރިއާއަކާއި ރެކްރިއޭޝަނަލް އޭރިއޭއެއް ވެސް ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ތަނެނެވެ.

މި ތަނުގެ މަލްޓި ޕާޕަސް ހޯލު ވާނީ ރާއްޖޭގެ އެންމެ ބޮޑު އެފަދަ ހޯލަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.