ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ހަރަކާތު ކޮމިޓީގެ ޗެއާ މުހައްމަދު އިސްމާއިލް ހައްޔަރުކުރީ ޣައިރު ގާނޫނީ އަމުރަކަށް ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އެގޮތުން ކުރެއްވި ޓްވީޓެއްގައި ޝުޖާއު ވިދާޅުވީ، މި ޤައުމުގައި އެއްވެސް ރައްޔިތަކަށް އަމާން ކަމެއްނެތްކަން ހާމަވަނީ ޤާނޫނު ތަންފީޒުކުރަން ތިއްބަވާ ސަލާމަތީ ބާރުތަކުން ޣައިރު ޤާނޫނީ އަމުރު ތަކަށް ތަބާވާތީ ކަމަށެވެ.
"ކުރީގެ ހޯރަފުށި ދާއިރާގެ މެމްބަރ ރޭ ހައްޔަރު ކުރީ މިފަދަ ޣައިރު ޤާނޫނީ އަމުރަކަށެވެ." ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އިންޑިއާ އައުޓް ގޮވުމާއި، އެ ހަރަކާތް ކުރިއަށް ގެންދިއުމަކީ ޖަލުގެ ތޭރިތަކުގެ ތެރެއަށް ރައްޔިތުމީހާ ދާންޖެހޭނެ ސަބަބެއް ނޫން ކަމަށެވެ. ޝުޖާއު ވަނީ މުހައްމަދު އިސްމާއިލް މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާފައެވެ. އަދި އިންޑިއާ އައުޓް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރެފައިވާ ގަރާރަކީ ޤާނޫނުއަސާސީއާ މުޅިން ހިލާފު ގަރާރެއް ކަމަށްވެސް ވިދާޅުވިއެވެ.
މި ޤައުމުގައި އެއްވެސް ރައްޔިތަކަށް އަމާން ކަމެއްނެތްކަން ހާމަވަނީ ޤާނޫނު ތަންފީޒުކުރަން ތިއްބަވާ ސަލާމަތީ ބާރުތަކުން ޣައިރު ޤާނޫނީ އަމުރު ތަކަށް ތަބާވާތީއެވެ.ކުރީގެ ހޯރަފުށި ދާއިރާގެ މެމްބަރ ރޭ ހައްޔަރު ކުރީ މިފަދަ ޣައިރު ޤާނޫނީ އަމުރަކަށެވެ.#IndiaOut ގޮވުމާއި،އެ ހަރަކާތް 1/2 pic.twitter.com/duOYmLn3tV
— Ibrahim Shujau (@IbrahimShujaau) May 21, 2022
"އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ރިޔާސީ ގަރާރަކުން މިދިޔަ މަހު ކަނޑައަޅާފައިވެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހަރަކާތެއް ފަށާފައިވާއިރު، ޔާމީން ޖަލުން މިނިވަންވުމަށްފަހު މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަމުން އަންނައިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި އެ ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.