Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

އެންމެ ރަނގަޅު ހޭދައަކީ މުވައްޒަފުންނަށް ކުރާ ހޭދަ: ނައިބު ރައީސް

ފޮޓޯ: ރައީސް އޮފީސް

އިދާރާއަކުން ކުރެވޭނެ އެންމެ ރަނގަޅު ހޭދައަކީ އެ ތަނެއްގެ މުވައްޒަފުންނަށް ކުރާ ހޭދަ ކަމުގައި ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް މިފަދައިން ވިދާޅުވެފައިވަނީ، "ނެޝަނަލް އެޗް.އާރު. ކޮންވެންޝަން އެންޑް އެކްޕޯ 2022" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގެ ތެރޭގައި، ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ޢާންމުކޮށް މަސައްކަތްކުރާ ވައްޓަފާޅިއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަމަށާއި އަދި އެއާއެކު ވަރަށް އަގުހުރި ފިލާވަޅުތަކެއް ދަސްވެގެން ދިޔަކަން ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ މި ބަލިމަޑުކަމުގެ ސަބަބުން، އުފެއްދުންތެރިކަން ކުރިއެރުވުމަށް ކޮންމެ މުވައްޒަފަކު މޭޒުދޮށުގައި ތިބެންނުޖެހި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އެމަސައްކަތްތައް ކުރެވޭނެކަން އެނގިގެން ހިނގައްޖެކަމަށެވެ. ހަމައެހެންމެ ކޮވިޑްގެ ހާލަތުން އާންމު ހާލަތަކަށް ރުޖޫއަވަމުންދާއިރު، މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ މުހިންމުކަން ދޭންޖެހޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރަނގަޅު ފެންވަރުގެ ތަޢުލީމު ލިބުމުން ފުއްދާލެވެން ނެތްކަން ފާހަގަކުރައްވައި ވިދާޅުވީ ވަޒީފާގެ މާހައުލުގައި ޒުވާން މަސައްކަތްތެރިންނަށް ހިންގުންތެރިކަމާއި، ފަންނީ ހުނަރުތައް ކުރިއެރުވުމުގެ ފުރުސަތުތައް ފަހިވެފައި އޮތުމަކީވެސް އެހާމެ ބޭނުންތެރި ކަމެއްކަމަށެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމް.އޭ.އެޗް.އާރް.ޕީ) އިން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޮންވެންޝަންގައި ރާއްޖޭގެ މަޝްހޫރު ތަޖުރިބާކާރުންނާއި އަދި ބައިނަލްއަޤްވާމީ ތަޖްރިކާރުން ބައިވެރިވާނެއެވެ. ނޭޝަނަލް އެޗް.އާރު ކޮންވެންޝަން އެންޑް އެކްސްޕޯގެ މިއަހަރުގެ ޝިޢާރަކީ "ޓްރާންސްފޯމޭޝަން އެންޑް ކަލްޗަރ – ފިއުޗަރ އޮފް ހިއުމަން ކެޕިޓަލް"އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.