Last Updated: June 20, 13:31
Saturday, June 20, 2026
ޚަބަރު

ޓުޓިކޮރިން ކާގޯ ހުއްޓުނަސް ނޭދެވޭ އަސަރެއް ނުކުރާނެ

އައްޑު އާއި އިންޑިއާގެ ޓުޓިކޮރިންއާ ދެމެދު ކުރަމުން އައި ކާގޯ ބޯޓްގެ ދަތުރުތައް ހުއްޓައިލި ނަމަވެސް އޭގެ ސަބަބުން އައްޑޫގެ ވިޔަފާރި އަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ބުނެފި އެވެ.

އެ ދަތުރުތައް ހުއްޓާލީ ކާގޯ އުފަލަމުން އައި ބޯޓް، "އެމްވީ ބޮންތި 2" ބައެއް ހުއްދަތަކުގެ މުއްދަތު ހަމަވުމުންނެވެ. އެހެންވެ ހުއްދަތައް އާކުރަން ހުށަހަޅާފައިވީ ނަމަވެސް އެ ހުއްދަ ލިބޭނެ އިރެއް ނޭނގޭތީ ދަތުރުތައް އަލުން ފެށޭނެ އިރެއް ވެސް ނޭނގޭ ކަމަށް އެމްއެސްއެސް އިން ބުންޏެވެ.

ދެހާސް ވިހީގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެށިއެ ދަތުރުތައް ހުއްޓައިލުމާ ގުޅިގެން އައްޑޫގެ ބައެއް ވިޔަފާވެރިން ދަނީ ކަންބޮޑުބުން ފާޅުކުރަމުންނެވެ. އަދި މީގެ ސަބަބުން އަނެއްކާ ވެސް ތަކެތީގެ އަގު ބޮޑުވާނެ ކަމަށް ދަނީ ބުނަމުންނެވެ.

ނަމަވެސް އެހެން މީޑިއާއަކަށް އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެފައި ވަނީ އައްޑު އާއި ޓުޓިކޮރިންގެ ކާގޯ ދަތުރުތައް މެދުކަނޑާލިޔަސް، އެކަމުން އައްޑު އަށް މާ ބޮޑު ނޭދެވޭ އަސަރުތަކެއް ނުކުރާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ދަތުރުތަކުގައި މުދާ ގެންނަ އައްޑޫގެ އަމިއްލަ ވިޔަފާވެރިން ވެސް ވަރަށް މަދެވެ.

"ގިނަވާނީ ހަމަ އެސްޓީއޯގެ މުދާ." ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަމިއްލަ ވިޔަފާރިވެރިންގެ މުދާ މަދުވުމުގެ އިތުރުން، އަމިއްލަ ވިޔަފާރިވެރިންގެ ތެރެއިން ކާގޯ ބޯޓުން ގަވައިދުން މުދާ ގެންނަނީ ވެސް ވަރަށް މަދު ބައެއް ކަމަށެވެ. އަދި އާންމުންގެ މުދަލަކަށް ކާގޯ ބޯޓުން އުފުލީ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ކަމަށް ވެސް ވިދާޅުވި އެވެ.

"ދެން ކޮންސްޓްރަކްޝަން ސާމާނު އެއީ އެސްޓީއޯގެ އަމިއްލަ ކާގޯ. އެ ބައި އެސްޓީއޯ އިން ނުހަދާނެ އައްޑުއަށް ދަތިވާ ގޮތަކަށް." އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮޔުގައި ހިންގާ އެމްއެސްއެސްގެ އެމްޑީ ވިދާޅުބި އެވެ. "[އެހެންވެ ޓުޓިކޮރިން ދަތުރުތައް ހުއްޓާލިޔަސް] އޯވަރޯލްކޮށް އައްޑު އަށް މާ ބޮޑު އިމްޕެކްޓެއް އަންނާނެ ކަމަކަށް ނުބެލެވޭ."

ސައީދު ވިދާޅުވި ގޮތުގައި ދަތުރުތައް ހުއްޓައިލަން ޖެހުނު ނަމަވެސް ވިސްނުން އޮތީ އަނެއްކާ ވެސް ލަސްތަކެއް ނުވެ ދަތުރު ފެށޭތޯ ބެލުމެވެ. އަދި "ބޮންތި 2" ވަރަށް ބޮޑަށް ބާވެފައި އޮތުުމުން ވިސްނުން ހުރީ އާ ބޯޓެއް ހޯދުން ކަމަށް ވެސް ވިދާޅުވި އެވެ.