Last Updated: April 19, 19:29
Friday, April 19, 2024
ކުޅިވަރު

ރެއާލަށް ނޫނެކޭ ބުނެ އެމްބާޕޭ ޕީއެސްޖީގައި މަޑުކޮށްފި

ފްރާންސްގެ އިތުބާރު ފޯވާޑް ކިލިއަން އެމްބާޕޭ ރެއާލް މެޑްރިޑުން ލިބުނު ބޮޑު ހުށަހެޅުމަށް ނޫނެކޭ ބުނުމަށް ފަހު ޕީއެސްޖީގައި މަޑުކުރަން ނިންމައިފި އެވެ.

އުމުރުން 23 އަހަރުގެ އެމްބާޕޭ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު އޭނާ ގެންދަން މިދިޔަ އަހަރުން ފެށިގެން ރެއާލުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އަދި ޕީއެސްޖީން ވެސް ދިޔައީ އޭނާގެ އެއްބަސްވުން އާކުރަން މަސައްކަތް ކުރަމުންނެވެ.

މި ސީޒަނަށްފަހު އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ބެލެވުނު ނަމަވެސް ފްރާންސްގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެމްބާޕޭ މިހާރު ވަނީ ރެއާލަށް ނޫނެކޭ ބުނުމަށްފަހު ޕީއެސްޖީގެ ހުށަހެޅުން ގަބޫލުކޮށްފަ އެވެ. އެގޮތުން ޕީއެސްޖީއާއެކު އެމްބާޕޭ ސޮއިކުރާނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

2017 ވަނަ އަހަރު މޮނާކޯ އިން ޕީއެސްޖީ އަށް ބަދަލުވި އެމްބާޕޭ ވަނީ މި ސީޒަނުގައި ޖުމްލަ 36 ގޯލު ކާމިޔާބުކޮށްފަ އެވެ. އަދި މިދިޔަ ސީޒަނުގައި އެމްބާޕޭ 42 ގޯލު ކާމިޔާބު ކުރިއިރު ފާއިތުވި ހަތަރު ސީޒަނުގައި މަދުވެގެން އޭނާ 30 ގޯލު ކާމިޔާބުކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

ޕީއެސްޖީން ފްރެންޗް ލީގު ހޯދިއިރު މި ސީޒަނުގެ ފްރެންޗް ލީގުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އެމްބާޕޭ އެވެ.