Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

ބޮޑެތި ދާއިރާތައް "ހިންގާލަން", 2023 އަށް ފެހި ސިގުނަލެއް؟

ނިމިގެން ދިޔަ މޯލްޑިވިއަން ޑީމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ކުރިމަގު ބައްޓަން ކުރާނެ މުހިންމު އިންތިހާބެކެވެ. އިންތިހާބުގެ ދާއިމީ ނަތީޖާ ނެރެފައިވާއިރު, 7416 ވޯޓުގެ ތަފާތުން ކުރި ހޯދާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނުސީދާ ކުރިމަތިލުމެއްގެ ގޮތުގައި ފެނިގެން ދިޔަ މި އިންތިހާބު "ރައީސް ސޯލިހްގެ ފެކްޝަނުން" ކާމިޔާބު ކުރުމަކީ ޕާޓީގެ އެތެރޭގައި އެމަނިކުފާނަށް ފަހިވާނޭ ގޮތްތަކަކަށް ކަންކަން ނިންމުމުގައި ލިބޭނޭ ހިތްވަރެއްކަމަށް ފެނެއެވެ.

ރާއްޖޭގައި މިހާތަނަށް ވެސް ބާއްވާފައިވާ އިންތިބުތައް ކާމިޔާބު ކުރުމުގައި ސިޔާސީ ކުޅިބައި އަތުރެމުން އައިސްފައިވަނީ ބޮޑެތި ތަންތަނުގެ މެޖޯރިޓީ ކޮންޓްރޯލް ކުރުމަށެވެ. ބޮޑެތި ތަންތަނުން ތަފާތު ބޮޑު ނަތީޖާއެއް ނެރުމަށެވެ. މާލެ, އައްޑޫ, ފުވައްމުލައް ފަދަ ސަރަހައްދުތަކަކީ އަބަދުވެސް އިންތިހާބުތަކުގެ ނަތީޖާތައް ވަކިކޮޅަކަށް އަނބުރާލުމުގައި މުހިންމު ތަންތަނެވެ. ސުވާލަކީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ނެރުނު ނަތީޖާއަށް ބަލާ, 2023 އަށް ޖަހާ "ސިޔާސީ ހިސާބު"ގައި ހުންނާނޭ ބުރަދަނަކާމެދުއެވެ.

ބައެއް ފަރާތްތަކަށް މި އިންތިހާބަކީ 2023 އަށްޓަކައި ބޭއްވި މިޑްޓާމް އިލެކްޝަނެކެވެ. އަނެއްބައި ފަރާތްތަކަށް މިއީ ރާއްޖޭގެ ސިޔާސީ ކުޅިބައި އަލުން އަތުރާ, ސިސްޓަމް ބަދަލުކޮށްލުމާމެދު ދެކޭގޮތެއް ބެލުނު ވޯޓެކެވެ.

އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ 94,211 މީހުންނަށް ވޯޓު ލުމުގެ ހައްޤުލިބިގެން ދިޔަ މި އިންތިހާބުގައި 49,239 މީހުންގެ ވޯޓުން, 7416 ވޯޓުގެ ތަފާތެއް ދެއްކިއިރު, ކުރިން ފާހަގަކުރި ބޮޑެތި ސަރަހައްދުތަކުން ވޯޓުގެ ފަރަގު މާބޮޑެކޭ ބުނެވޭކަށް ނެތެވެ.

މާލެ ސިޓީ އިމްތިޔާޒް ފަހުމީއަށް ކާމިޔާބު ކުރެވުނީ 317 ވޯޓުގެ ތަފާތުން ކަމަށްވީއިރު, ފުވައްމުލައް ސިޓީ ކާމިޔާބު ކުރެވުނީ 1069 ވޯޓާއެކު 48 ވޯޓުގެ ތަފާތުންނެވެ. ފައްޔާޒަށް އައްޑޫސިޓީން 2919 ވޯޓު ލިބުނުއިރު އިމްތިޔާޒަށް 2518 ވޯޓު ލިބުނެވެ. ހަތަރު ސަތޭކަ އެއް ވޯޓުގެ ތަފާތުން އައްޑޫ ފައްޔާޒަށް ލިބުނީއެވެ.

ސަރުކާރުން ފަތުއަޑުކިޔާފައި ކުރިއަށްގެންދާ ޕްރޮޖެކްޓުތަކުގެ ނަތީޖާ ރަނގަޅުކަމާއި, މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތްކަން ވަރަށްވެސް ސާފުކޮށް އެނގުނީއެވެ. އެހެންނަމަވެސް ބޮޑެތި ސަރަހައްދުތަކުން ފަރަގުގައި ބޮޑު ތަފާތެއް ނެތަތަތީ, މިއީ އެންމެ ހިތްހަމަ ޖެހޭ ނަތީޖާއެއްކަމަކަށް ގާބޫލެއް ނުކުރެވެއެވެ.

މި އިންތިހާބާ މެދު ކޮންމެ ގޮތަކަށް ދެކުނު ކަމުގައި ވީނަމަވެސް, މިނަތީޖާއިން މިވަގުތު ފެންނަން އޮތީ ރައީސް ސޯލިހް ކުރީގައި އުޅުއްވާތަނެވެ. "ޕޮޕިއުލާރިޓީ" މިވަގުތު ކުރީގައި ހުރިކަމަށް ފެންނަނީ ރައީސް ސޯލިހްގެއެވެ. ފެށުނީއްސުރެއް ފެންނަމުން އައި މަންޒަރަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ތެރޭގައި ރައީސް ނަޝީދު ބޭނުންފުޅު ގޮތަކަށް ކަންކަން ނިމޭތަނެވެ. ވޯޓުން ނަމަވެސް އަދި އެހެން ގޮތްގޮތުން ނަމަވެސް އެމަނިކުފާނުގެ "ގޭމް ޕްލޭނަށް" ޕާޓީން މަގުކޮށައިދޭތަނެވެ. އެހެންނަމަވެސް މި އިންތިހާބުގެ ނަތީޖާއާ އެކު އެކަންވެސް ބަދަލުވީއޭ ބުނުވޭނެއެވެ.

ރައީސް ސޯލިހަކީ "މަޑުން ހުންނެވިނަމަވެސް" ސިޔާސީ "ހިފުމަށް" ތޫނުފިލިބޭފުޅެއް ކަމަށް ހުރިހާ ފަރާތްތަކުންވެސް ގާބޫލުކުރާނެއެވެ. ހަމައެއާއެކު ރައީސް ނަޝީދުގެ އަޒުމާއި, "ހަކުޅި ކުރިއަށް" ކުޅުމުގެ ވައްޓަފާޅިއަކީ މިރާއްޖެ ސިޔާސީ ބޮޑެތި ބަދަލުތަކެއްގެ ތެރެއަށް އަބަދުވެސް ގެންދިޔަ ކާމިޔާބު ކަންކަމެވެ.

މި އިންތިހާބުގެ ނަތީޖާއަށް ބަލާ, 2023 އަށް ރައީސް ސޯލިހަށް އެމްޑީޕީގެ ޕްރައިމަރީއެއް ކާމިޔާބު ކުރެވިދާނެ ކަމަށް ބެލިދާނެއެވެ. ދެކޮޅު ހެދެން ނެތް ހަގީގަތަކީ މި އިންތިހާބުގައި އިމްތިޔާޒު ފަހުމީއަށް އެޅި 20,425 ވޯޓަކީ ރައީސް ނަޝީދަށް ދެގޮތެއް ނުވެ އެމްޑީޕީގެ ތެރެއިން ޔަގީންވާނެ ވޯޓު ކަމެވެ. އެމްޑީޕީ ދަފްތަރުގައި ތިބެ މި އިންތިހާބުގައި ނުފެނުނު 44,972 ވޯޓު ނުލާ, 2023 އަށް ހިސާބެއް ޖެހުމަކީ މޮޅު ގޮތަކަށް ނުވާނެއެވެ. ރައީސް ނަޝިދާއި ރައީސް ސޯލިހްގެ ސީދާ ކުރިމަތިލުމެއް އަދި މިއަށްވުރެއް މާތަފާތުވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެހެންނަމަވެސް މި އިންތިހާބަކީ ސަރުކާރަށް ލިބުނު ފެހި ސިގުނަލެއްކަމަށް ބުނެވޭނެއެވެ.