ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ރާއްޖޭގެ ތަރައްގީގެ ބާނީ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ޔާމީނަށް ތައުރީފުކުރައްވައިފި އެވެ.
އިއްޔެ ފާހަގަކުރި ޔާމީންގެ އުފަން ދުވަހާ ގުޅުވައިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި އުފަން ތަހުނިޔާއާ އެކު ވިދާޅުވީ ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ސާބިތުކަމާ އެކީ ހުންނެވީ ޔާމީންގެ ދިފާއުގައި ކަމަށެވެ.
"މަނިކުފާނުގެ ތަނަވަސް ވިސްނުންފުޅުން ދިވެހި ޤައުމް ސަލާމަތްކުރެވޭނެކަން ޔަޤީން. އިއްޔެއެކޭ އެއްގޮތަށް މިއަދު ވެސް މި ތިބީ މަނިކުފާނުގެ ދިފާޢުގައި ސާބިތުކަމާއެކު،" އޭނާ ވިދާޅުވި އެވެ. "ދެބަސްވުމެއް ނެތް ތަރައްޤީގެ ބާނީ."
މަނިކުފާނުގެ ތަނަވަސް ވިސްނުންފުޅުން ދިވެހި ޤައުމް ސަލާމަތްކުރެވޭނެކަން ޔަޤީން. އިއްޔެއެކޭ އެއްގޮތަށް މިއަދުވެސް މިތިބީ މަނިކުފާނުގެ ދިފާޢުގައި ސާބިތުކަމާއެކު. ދެބަސްވުމެއް ނެތް ތަރައްޤީގެ ބާނީ، ރައީސް @prz_ymn އަށް އުފާވެރި އުފަންދުވަހަކަށް އެދެން. pic.twitter.com/VRnpVG7P9O
— Mohamed Jameel Ahmed (@MJameelAhmed) May 21, 2022
ޔާމީންގެ އުފަން ދުވަހާ ދިމާކޮށް ޖަމީލު ތައުރީފުގެ ބަސްތަކެއް އޮއްސަވާލެއްވި އިރު، ރޭ ޕީޕީއެމް އޮފީހުގައި ވެސް އޭނާ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ޖަލްސާގެ ތެރޭގައި ޔާމީންގެ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން ޕާޓީގެ ފަރާތުން ކޭކެއް ފެޅުމުގެ އިންތިޒާމު ވެސް ހަމަޖެއްސި އެވެ.

ޑރ. ޖަމީލު ޔާމީނާ އެކު ސާބިތުކަމާ ހުންނެވި ކަމަށް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްގެ މަގާމުން ވަކި ކުރުމުން ރާއްޖޭ ބޭރަށް ވަޑައިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އިރު، ޔާމީނާ ބެހޭ ގޮތުން އެތަކެއް ވާހަކަތަކެއް ދައްކަވައި އެތަކެއް ތުހުމަތުތަކެއް އަޅުއްވާފައިވެ އެވެ.
ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު އިންތިހާބުވި ފަހުން ގައުމަށް ވަޑައިގެން ޖަމީލުގެ ރާގު ބަދަލުވެ، ފަހުން އުޅުއްވަމުން ގެންދަވަނީ ޔާމީންގެ މައްޗަށް އުފުލިފައިވާ ދައުވާތަކުގެ ވަކާލާތުކުރައްވާ ދިފާއީ ވަކީލެއްގެ ގޮތުގަ އެވެ. އަދި ޑރ. ޖަމީލުގެ ނަޒަރުގައި ރައީސް ޔާމީން ފަދަ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެއް މިހާރަކު ރާއްޖެއަކު ނެތެވެ. އެއީ ތަރައްގީގެ ބާނީ ކަމަށް ވެސް ވިދާޅުވަނީ އެ ސަބަބާ އެކީގަ އެވެ.