Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

މިދިޔަ މަހު ކައުންސިލްގެ ދަތުރުތަކަށް 35،000ރ!

އައްޑޫ ސިޓީ ކައުންސިލުން މިދިޔަ މަހުގެ ދަތުރުތަކަށް 35،544ރ. ހޭދަކޮށްފި އެވެ.

ކައުންސިލުން ހާމަކުރި މިދިޔަ މަހުގެ އާމްދަނީ ހަރަދު ތަފްސީލުގައިވާ ގޮތުން އާމްދަނީގެ ގޮތުގައި 995،864ރ. ލިބިފައިވެ އެވެ. އޭގެ ތެރެއިން ދަތުރު ފަތުރަށް ހޭދަކޮށްފައި ވަނީ 35،544ރ. ނަމަވެސް އެ ހަރަދުގެ ތަފްސީލެއް ހާމަކޮށްފައެއްނުވެ އެވެ.

އައްޑޫ ކައުންސިލުން މިދިޔަ މަހު އޮފީސް ހިންގުމަށް ބޭނުންވާ ސާމާން ގަތުމަށް 582،717ރ. ހޭދަކޮށްފައިވެ އެވެ. ކައުންސިލްގެ ހަރަދުތައް ދޭތެރެއަކުން މި ފަހުން އާއްމު ކުރި ނަމަވެސް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ގޮތަށް ކައުންސިލުގެ ހަރަދުތައް ގެޒެޓުކުރަމުން ނުދާކަން ފާހަގަކުރެވެ އެވެ.

އައްޑޫ އާ ކައުންސިލަށް މި މަހުގެ 17 އަށް އަހަރެއްވެފައިވާ އިރު ކައުންސިލްގެ އެންމެ ބޮޑު ޝަކުވާ އަކީ ކައުންސިލަށް ހަރަދުކުރާނެ ފައިސާ ނެތްކަމުގެ ވާހަކަ އެވެ. އަދި ބަޖެޓު ނެތި ކައުންސިލަށް ރައްޔިތުން ބޭނުންވާ ކަންކަން ނުކުރެވޭ ވާހަކަ އެވެ.