Last Updated: March 29, 06:30
Friday, March 29, 2024
ރިޕޯޓް

ގަން އެއާޕޯޓް ތަރައްގީކުރަނީ ކީއް ކުރަން؟

"ގަން އެއާޕޯޓް ތަރައްގީކުރާ ވާހަކަ ދެއްކުމަކީ ޖޯކެއް ކަހަލަ ކަމެއް. އިންޓަނޭޝަނަލް ފްލައިޓްތަކެއް އިތުރުވަނީކީ ނޫން. އަދި އެކަމަށް މަގުފަހިވާ ގޮތަށް އައްޑު އަށް އިގުދާސީ ކުރިއެރުމެއް ވެސް އަންނަނީކީ ނޫން. ކޮބާތަ އިތުރުކުރަން ބުނި އަށް ހާސް ބެޑް؟" އައްޑޫ އެއާޕޯޓް ތަރައްގީކުރަން މި އަހަރުގެ ފަހުކޮޅު އަނެއްކާ ވެސް މަސައްކަތް ފަށަން އުޅޭ ކަމަށް ސަރުކާރުން ބުނާތީ އެކަމަށް ފާޑުކީ މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ގަން އެއާޕޯޓް ތަރައްގީގެ ވާހަކަ އަކީ އަބަދު ވެސް ސިޔާސީ ވާހަކައެކެވެ. އަންނަ އަހަރަކީ ރިޔާސީ އިންތިހާބެއް އޮންނަ އަހަރަކަށްވާތީ މި ވާހަކަ ދެން ކުރިއަށް އޮތް ދުވަސްތަކުގައި ދާނީ ގަދަވަމުންނެވެ. އެއީ ހަމަ ހަގީގަތުގައި ވެސް މިހާތަނަށް ކަން ހިނގަމުން އައިސްފައިވާ ގޮތެވެ.

ގަން އެއާޕޯޓް ތަރައްގީ ނުވެގެން އުޅެނީ ކޮން ބައެއް ހެއްޔެވެ؟ މީގެ ކުރިން މި އެއާޕޯޓަށް ކުރިއެރުންތަކެއް ގެންނަން އެކި ފަހަރު މަތިން އެކި ކަހަލަ މަސައްކަތްތައްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޑޮމެސްޓިކާއި އިންޓަނޭޝަނަލް ޓާމިލް ބޮޑުކުރުމާއި އެންމެ ބޮޑެތި ބޯޓްތަކަށް ޖެއްސޭ ވަރުގެ ރަންވޭއެއް ވެސް ގަމުގައި އެބައޮތެވެ. އެ ރަންވޭ އޮތުމުގެ ފައިދާ ބޮޑެތި ޖެޓްތަކުން ނަގަމުން ވެސް އާދެ އެވެ.

ފުރަތަމަ ގަން އެއާޕޯޓްގެ ތަރައްގީގެ ވާހަކަ އެއްފަރާތްކޮށްލަމާ ހިނގާށެވެ. އެކި ކަހަލަ ތަފާތު ވިޔަފާރީގެ ދޮރުތަކަށް އައްޑޫ ހުޅުވައިދޭށެވެ. ތަރައްގީކޮށް ފުޅާކުރަން ބުނާ ޓޫރިޒަމްގެ ތެރެއިން އެނދުތައް އިތުރުކުރެވޭނެ ގޮތްތައް ހޯދުން މާ މުހިއްމެވެ. މިކަމުގައި ސަރުކާރާއި ސީދާ އައްޑޫ ކައުންސިލްގެ ދައުރު ވެސް ބޮޑެވެ.

މި ސަރުކާރު އުފެދިގެން އައީ ވެސް މި ދައުރުގެ ތެރޭގައި އައްޑޫގެ ބެޑް ކެޕޭސިޓީ 8،000 އަށް އިތުރުކުރާނެކަމުގެ ވައުދާ ވެސް އެކީގަ އެވެ. އެ ވައުދު ފުއްދިއްޖެ ހެއްޔެވެ؟ ނުވަތަ އެއިން އެއްވެސް މިންވަރެއް ހާސިލުކުރެވިއްޖެ ހެއްޔެވެ؟ ގަން އެއާޕޯޓް ތަރައްގީކުރާ ވާހަކަ ފުރަތަމަ ބާއްވާފައި ކުރަންވީ މި ކަންކަމެވެ.

ގަމަށް މި ވަގުތު ޝެޑިއުލް ދަތުރުކުރާ ހަމައެކަނި އެއާލައިނަކީ ސްރީ ލަންކަން އެއާލައިންސެވެ. އެ އެއާލައިނަަށް ވެސް ބިރަކީ ދަތުރުތައް ހމަ ކޮންމެ ވަގުތަކު ވެސް ހުއްޓައިލަން ވެސް ޖެހިދާނެ ކަމެވެ. މި ސަބަބަށްޓަކައި ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް މިހާރު ބާއްވަނީ ސީދާ އައްޑު އަށް ބަރޯސާވާ ގޮތަކަށް ނޫނެވެ. ދުނިޔޭހެ ތަންތަނުން އައްޑު އަށް ޓޫރިސްޓުން އަންނަން ބޭނުން ވިޔަސް އަންނަން ބޭނުންވާ ކަހަލަ ފުރުސަތުތަކެއް، ވަސީލަތްތަކެއް ނެތެވެ. ތިން ރިސޯޓެއް އޮތް ނަމަވެސް ކިރިޔާ ވެސް ހިނގަނީ އެންމެ ފަހުން ހުޅުވި ސައުތު ޕާމް ރިސޯޓެވެ. ކެނަރީފް ހުޅުވާފައި މިހާރު ހުޅުވާފައި އޮތީ "ނަމަކަށެވެ." އެ ތަނަކަށް ޓޫރިސްޓުންނެއް ނާދެ އެވެ.

ޝަންގްރިއްލާ ވިލިގިލި ރިސޯޓް ބަންދުކޮށްފައި އޮންނަތާ ތިން އަހަރެއްހާ ދުވަސް ވަނި އެވެ. އެނދުތައް އިިތުރުކުރަން އިއުލާންކުރި ލޯކަލް ޓޫރިޒަމް މަޝްރޫއު ވެސް އޮތީ ފިނިހަކަ ދުވެލީގަ އެވެ. އައްޑު އަށް ޓޫރިސްޓުން މިހާރު މައިގަނޑު ގޮތެއްގައި އަންނަނީ ގަމުގެ އީކްއޭޓަ ވިލެޖަށާއި އައްޑޫގައި ހިންގާ ބައެއް ގެސްޓްހައުސްތަކަށެވެ.

ގަން އެއާޕޯޓް ތަރައްގީވާން ޖެހެނީ އައްޑޫގެ ޓޫރިޒަމަށް އަންނަ ކުރިއެރުމަށް ވެސް ބިނާކޮށެވެ. މިތަނަށް އެކި ތަންތަނުން މީހުން އަންނާނެ ގޮތްތަކެއް ހޯދައި ދީގެންނެވެ. އައްޑޫ ޕްރޮމޯޓްކޮށްގެންނެވެ.

ގަން އެއާޕޯޓްގައި އިންޓަނޭޝަނަލް ނަން ބޯޑް އަޅުވައި ދެއިދު ދެ ދަޅަ އަށް އެތަން ތަރައްގީކުރާ ވާހަކަ ދައްކާ އިރު، އިންޓަނޭޝަނަލް އެއާޕޯޓެއްގެ ހަގީގީ ކުލަވަރު ވެސް ފެންނަން ފަށާނީ މި އެއާޕޯޓް އެ ފެންވަރުގައި ހިންގަން ފަހިކުރަން ޖެގޭ ކަންކަން ފުރަތަމަ ފަހިކޮށްގެންނެވެ. ޓޫރިޒަމަކީ އެކަމަށް އޮތް މައިގަނޑު އެއް ދޮރެވެ.

އެކަމަކު އެ ދާއިރާ އަށް ގެންނަން ބުނާ ކުރިއެރުންތައް ނުގެނެވި، އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމުގެ ވަކި ބޭނުމެއް އެބަ އޮތް ހެއްޔެވެ. ފުރަތަމަ ކުރަން ޖެހިފައި އޮތް ކަމަކީ ބޭރުގެ އެއާލައިންތައް ގަމަށް އަންނަން ޖެހޭ ސަބަބުތަކެއް ހޯދައި ދިނުމެވެ.

ގަން އެއާޕޯޓްގެ ތަރައްގީގެ ވާހަކަ އަކީ މިހާރު އިންޑިއާގެ އެހީއާ ގުޅުވައިގެން ދެކެވޭ ވާހަކައެކެވެ. އެގޮތުން މި މަޝްރޫއަކީ އެ ގައުމުގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެއާޕޯޓް ތަރައްގީ އަށް 17 މިލިއަން ޑޮލަރު ކަނޑައަޅާފައިވެ އެވެ.

އިންޑިއާ އިން ބުނެފައިވާ ގޮތުގައި މި އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން އެއާޕޯޓުގެ ޓާމިނަލުގެ ފެންވަރު އެތައް ގުނައަކުން ރަނގަޅުވެ، މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ރިީޖަނަލް ހަބަކަށް ވެގެން ދާނެ އެވެ. އެ އެއާޕޯޓް ތަރައްގީކުރަން ހިންގާ މަޝްރޫއުގެ ދަށުން އިންޓަނޭޝަނަލް ޓާމިނަލް އަޕްގްރޭޑްކުރުމާއި ޑޮމެސްޓިކް ޓާމިނަލެއް އެޅުމާއި އެ ތަންތަނާ ގުޅިފައިވާ މަގުތައް ހެދުމުގެ އިތުރަށް ސަޕޯޓް އިންފްރާސްޓްރަކްޗާ ހެދުން ހިމެނެ އެވެ.

އިކޮނޮމިކް މިނެިސްޓްނރީން ބުނި ގޮޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށާނެ އެވެ. މިނިސްޓްރީން ބުނާ ގޮތުން ގަން އެއާޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާއްޓަށްވާ އިރު އެ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމީ ދެކުނުގެ ތަރައްގީ އަށް ނުހަނު މުހިއްމު ކަމެކެވެ.

އެހެންވެ މި ސަރަޙައްދުގައި ޓޫރިޒަމާއި މަސްވެރިކަމާއި އެހެނިހެން ސިނާޢަތްތައް ތަރައްގީކޮށް، ދެކުނުގެ އަތޮޅުތަކުގެ އިގުތިސާދު ފުޅާކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ މުހިއްމު ދައުރެއް އަދާކުރާނެ ކަމެކެވެ.

"މި ވާހަކަ ދޯ އަބަދު ވެސް ސަރުކާރުން މި ދައްކަނީ ތަކުރާރުކޮށް. އެކަމަކު މައްސަލަ އަކީ އަމަލީ ގޮތުން ނަތީޖާއެއް ނެރެވޭ ތަން ނުފެންނާތީ. އެހެންވެ އަހަރެމެން ސުވާލު އުފައްދަނީ ކީއްކުރަން ހޭ ގަން އެއާޕޯޓް ތަރައްގީކުރަނީ؟" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.