Last Updated: March 29, 17:30
Friday, March 29, 2024
ކުޅިވަރު

ޕްރިމިއާ ލީގު ޗެމްޕިއަންކަން ސިޓީ އަށް

ފަހު މެޗުގައި 3-2 އިން އެސްޓަންވިލާ ބަލިކުރުމަށްފަހު އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ހޯދައިފި އެވެ.

މި މޮޅާއެކު ސިޓީ އަށް ލީގު ލިބުނީ 38 މެޗުން ލިބުނު 93 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި ލީގު ނިންމި ލިވަޕޫލަށް ލިބިފައިވަނީ 38 މެޗުން 92 ޕޮއިންޓެވެ. ލީގުގެ ތިންވަނަ ހޯދި ޗެލްސީ އަށް 38 މެޗުން 74 ޕޮއިންޓު ލިބުނުއިރު ހަތަރުވަނަ ހޯދި ޓޮޓެންހަމް އަށް 38 މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ. ފަސްވަނައިގައި ނިންމި އާސެނަލަށް 38 މެޗުން 69 ޕޮއިންޓު ލިބުނުއިރު ހަވަނައިގައި ނިންމި މެންޗެސްޓާ ޔުނައިޓެޑަށް ލިބުނީ 38 މެޗުން 58 ޕޮއިންޓެވެ. އާސެނަލް އާއި ޔުނައިޓެޑް އަންނަ ސީޒަނުގައި ވާދަކުރާނީ ޔޫރޮޕާ ލީގުގަ އެވެ.

މިއީ ފާއިތުވި ފަސް އަހަރުތެރޭ ސިޓީން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ހަތަރުވަނަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

ސިޓީގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ އެސްޓަންވިލާ އިންނެވެ. އެގޮތުން މެޗުގެ 37 ވަނަ މިނެޓްގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މެޓީ ކޭޝް އެވެ. އަދި މެޗުގެ 69 ވަނަ މިނެޓްގައި ލިވަޕޫލަށް ކުރިން ކުޅުނު ފިލިޕޭ ކުޓީނިއޯ ވިލާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ވަނީ ސިޓީ ހާސްކަމުގެ ތެރެއަށް ވައްޓާލާފަ އެވެ.

ވިލާ އިން ދެ ގޯލުގެ ލީޑެއް ނެގުމާއެކު ސިޓީން ބަދަލުތަކެއް ގެނައިރު، މެޗުގެ 76 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އިލްކާއި ގުންޑޮގާން ވަނީ ސިޓީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އޭގެ ދެ މިނެޓްފަހުން ރޮޑްރީ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދިން އިރު މެޗުގެ 81 ވަނަ މިނެޓްގައި ގުންޑޮގާން ވަނީ ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ނަތީޖާ އަނބުރާލާފަ އެވެ.

ސިޓީއާ އެންމެ ގާތުން ލީގަށް ވާދަކުރި ލިވަޕޫލުން މިރޭ ވަނީ ވުލްވްސްގެ މައްޗަށް 3-1 އިން ކުރި ހޯދާފަ އެވެ. އަދި ނޯވިޗް ސިޓީ 5-0 އިން ބަލިކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ޓޮޓެެންހަމް ވެސް ވަނީ ކޮލިފައިވެފަ އެވެ. އަދި ނިއުކާސަލް އަތުން 1-2 އިން ބަލިވެ ބާންލީ ވަނީ ޕްރިމިއާ ލީގުން ރެލިގޭޓް ވެފަ އެވެ.