Last Updated: April 25, 06:02
Thursday, April 25, 2024
ކުޅިވަރު

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން މިލާނުން ހޯދައިފި

ސަސުއޯލޯ 3-0 އިން ބަލިކުރުމަށްފަހު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން އޭސީ މިލާނުން ހޯދައިފި އެވެ.

އޭސީ މިލާނުން ލީގު ޗެމްޕިއަންކަން ހޯދީ 38 މެޗުން ލިބުނު 86 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި ނިންމި އިންޓަ މިލާނަށް 38 މެޗުން ލިބުނީ 84 ޕޮއިންޓެވެ.

މިއީ 2011 ވަނަ އަހަރަށްފަހު އޭސީ މިލާނުން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ސަސުއޯލޯގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ 17 ވަނަ މިނެޓްގައި އޮލިވިއޭ ޖިރޫޑް ވަނީ މިލާނަށް ލީޑު ނަގާދީފަ އެވެ. އަދި މެޗުގެ 32 ވަނަ މިނެޓްގައި މިލާންގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ޖިރޫޑް ކަމަށްވާއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ފްރޭންކް ކެސީ ވަނީ މިލާންގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ.

މެޗުގެ ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ވެސް މިލާނަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ.

ލީގަށް މިލާނާއި އެންމެ ގާތުން ވާދަކުރި އިންޓަ މިލާން މިރޭ ވަނީ ސަމްޕްޑޯރިއާގެ މައްޗަށް 3-0 އިން ކުރި ހޯދާފަ އެވެ. އިންޓަ އަކީ މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގެ ޗެމްޕިއަނުންނެވެ.