Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

"އިންތިހާބާ ގުޅޭ ޝަކުވާއެއް އަދި ނާދޭ"

ކެންޑިޑޭޓުންނާއި އެކު ރޭ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ޕޮލިސް ރީޖަން ކޮމާންޑާރ އަދި އައްޑޫގެ މޭޔަރ ސޯބެ. ފޮޓޯ: އައްޑޫލައިވް

މި މަހުގެ 22 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބްގައި 28 ކެންޑިޑޭޓަކު ކެމްޕެއިން ކުރައްވަމުން އަންނަ އިރު އަދި އެއްވެސް ޝަކުވާއެއް ރަސްމީކޮށް ކައުންސިލަށް ލިބިފައި ނުވާކަމަށް އައްޑޫގެ މޭޔަރު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބްގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ އެޖެންޓުންނާ ބައްދަލު ކުރުމަށް ރޭ ކައުންސިލް އިދާރާގެ މީޓިން ރޫމްގައި ވާހަކަ ދައްކަވަމުން މޭޔަރު އަބްދުﷲ ސޯދިގް( ސޯބެ) ވިދާޅުވީ ރަސްމީ ސިފައެއްގައި ކެމްޕެއިންނާ ގުޅޭ ޝަކުވާ ލިބިފައި ނެތަސް އިސްލާހް ކުރަންޖެހޭ ބައެއް ކަންކަން ކައުންސިލްއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އައްޑޫގެ ޕޮލިހާއި، އިލިކްޝަނުން ބައިވެރިވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސޯބެ ވިދާޅުވީ ކެމްޕޭން ކުރެއްވުމަށް ބޭނުން ކުރާ ބައެއް ސާމާން މަގު ބައްތި ދަނޑީގައި ހަރުކުރުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދެއްވުމަށެވެ.

"އަޅުގަނޑު މެންނަށް އެބަފެނޭ ބައެއް ކެމްޕެއިން ސާމާން ބޮކި ދަނޑީގައި ހަރުކުރެވިފައިވާ ތަން، އެތަން ތަނުގައި ތަކެތި ހަރުކުރަންޖެހެނީ ހުއްދަ ހޯދައިގެން، އަދި ހަރު ކުރިއަސް ހަރު ކުރަން ވާނީ ބޮކި ދަނޑިއަށް ގެއްލުން ނުވާ ގޮތަކަށް." އޭނާ ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ ރިއާސީ އިންތިހާބް ދުވަސްވަރު ބޮކި ދަނޑީގައި ތަކެތި ހަރުކުރަން އުޅުމުގެ ތެރޭގައި ބޮކި ދަނޑިއެއް ބިނދިގެން ވެއްޓިފައިވާ ކަމަށެވެ.

އެހެންކަމުން ބޮކި ދަނޑީގައި ތަކެތި ހަރުކުރާއިރު އެކަންކަމަށް ސަމާލުވުމަށް ސޯބެ އިލްތިމާސް ކުރެއްވި އެވެ.

ރޭގެ ބައްދަލުވުމުގައި ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑާރ އަހްމަދު ޝިފާން ވިދާޅުވީ ވަކި ކުލައަކަށް ބެލުމެއް ނެތި ފުލުހުންގެ ފަރާތުން ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަ ހަމަ ގޮތެއްގައި ހިދްމަތް ފޯރުކޮށް ދެއްވާނެ ކަމަށެވެ.
އަދި މަގު ބަންދުކޮށްގެން ހަރަކާތްތައް ބާއްވާއިރު ހުއްދަ ނަގައިގެން ފުލުހުންގެ އެޙީތެރިކަމާ އެކު އެފަދަ ކަންކަން ކުރެއްވުމަށެވެ. އަދި އެންޓި ކެމްޕެއިން ކުރެއްވުމުގެ ގޮތުން މީހުންގެ އިއްޒަތާއި ކަރާމާތަށް ގެއްލޭ ގޮތަށް ލަވަ އާއި އޯޑީއޯ ހަދައިގެން އަޑު ގަދަ ނުކުރުމަށް އެދި ވަޑައިފެންނެވި އެވެ.

ކެމްޕޭން ކުރުމުގެ ގޮތުން ފޭދޫ އާއި ގަމާއި ގުޅޭ ކޯޡްވޭ ސަރަހައްދުގައި ހަދާފައިވާ "ދޮންދީނި" މޮނިއުމެންޓަގައި ކެމްޕއިން ސާމާންތަކެއް ހަރުކޮށްފައި ވުމުން އެކަން ރަނގަޅު ކުރުމަށް މޭޔަރާއި ޝިފާން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރޭގެ ބައްދަލުވުމުގައި ޝިފާން ވިދާޅުވީ ރިއާސީ އިންތިހާބް ދުވަސްވަރު ކެންޑިޑެޓުންގެ ފަރާތުން ފެނުނު ވާހަކަ ދައްކައިގެން ކަންކަން އިސްލާހް ކުރުމުގެ ގޮތް މި އިންތިހާބްގައިވެސް ފެނިގެންދާނެ ކަމަށް އުއްމީދޫ ކުރައްވާ ކަމަށެވެ. އަދި ފައިތުވި ތަނުގައި ފުލުހުންގެ ހަރަކާތްތަކަށް ކެންޑިޑޭޓުންގެ ފަރާތުން ވެދެއްވި އެއްބާރުލުމަށް ޝުކުރު ދެންނެވިއެވެ.