Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

ކުނިވެފައި ހުންނަ ބިސް ވިއްކާތީ ސަމާލުވުމަށް އެދެފި

މާރުކޭޓުން ބިސް ގަންނަނީ: ފޮޓޯ-ވީނިއުސް

މާލޭގެ ފިހާރަތަކުގައި ކުނިވެފައި ހުންނަ ކުކުޅު ބިސް ވިއްކާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މާލޭގެ ފިހާރަތަކުގައި ވިއްކާ ބިސް ކުނިވެފައި ހުންނަ ކަމުގެ ޝަކުވާ ލިބެމުން އަންނަކަމަށެވެ. މިއީ އޭގެ ސަބަބުން އާއްމު ސިއްހަތަށް ނޭދެވޭ އަސަރުކުރާ އަދި ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތައް ފެތުރޭފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވަނީ ފިނި ކޮށްފައި ހުންނަ ބިސް ރައްކާތެރިކަމާއެކު ބެހެއްޓޭނީ ގިނަވެގެން ތިން މަހުގެ މުއްދަތަކަށް ކަމަށެވެ. އަދި ފިނި ނުކޮށް ބެހެއްޓޭނީ 28 ދުވަހުގެ މުއްދަތަކަށް ކަމަށާއި، މުއްދަތު ހަމަވާ ތާރީހު ހަމަވުމުން ބިސްކުރި ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި މުއްދަތު ހަމަނުވި ކަމުގައި ވިޔަސް ހުންނަންޖެހޭ ފިނިހޫނުމިނަށް ނުބަހައްޓާނަމަ ބިސް ކުނިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވެއެވެ.

އެހެންކަމުން ބިސް ވިއްކަން ބަހައްޓާއިރު ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނިހޫނުމިން ކޮންޓްރޯލްކޮށް، މުއްދަތު ހަމަވާ ތާރީހު އެނގޭގޮތަށް ބިސް ވިއްކަން ބެހެއްޓުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނި އަންގާފައެވެ. އަދި ބިސް ގަންނަ ފަރާތްތަކުން ވެސް ބިސްގަތުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކޮށްފައިވެއެވެ.