Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ނޭންގި ޕާޓީތަކަށް ވައްދާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

މެމްބަރު އާދަމް ޝަރީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމާއި ވަކިކުރުމާއި ސިޔާސީ ޕާޓީތަކުގެ މެބްބަރުން އެހެން ޕާޓީތަކަށް ބަދަލުކުރުން ފަދަ ކަންކަން ހިންގާތީ ހުށަހެޅި މައްސަލަ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. މިމައްސަލަ މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދިނީ 10 މެމްބަރުންނެވެ. އަދި މިމައްސަލަ ބަލައިގަތުމާ ދެކޮޅަށް 17 މެމްބަރުން ވޯޓު ދީފައިވެއެވެ.

މައްސަލަ ހުށަހަޅަމުން އާދަމް ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުން މީހުން ބަދަލުކުރުމުގެ މައްސަލައަކީ ކަންބޮޑުވާންޖެހޭ މައްސަލައެއްގެ ގޮތުގައި އޮތްކަމެއް ކަމަށެވެ. އާދަމް ޝަރީސް ވިދާޅުވީ އެކަން އިންތިހާއަށް ބޮޑުވާކަން އިނގިގެން ދިޔައީ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން އުޅުނުއިރު ޕީޕީއެމްގެ 20،000 މެމްބަރުން އެމްޑީޕީގައި ތިބިކަމަށާއި، އަދި އެކަމުގެ ސަބަބުން ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުކަމަށް އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކެމްޕޭންގައި ވިދާޅުވުމުން ކަމަށެވެ.

މިމައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުންވެސް ހުރި މައްސަލައެއްކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ މިމައްސަލައަކީ މަޖިލީހަށްވެސް މުހިންމު މައްސައެއް ކަމަށެވެ.

މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ސިޔާސީ ޕާޓީއަށް ވަނުމާއި ވަކިވުމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށާއި، ނަމަވެސް އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމާއި ވަކިކުރުމާއި ސިޔާސީ ޕާޓީތަކުގެ މެބްބަރުން އެހެން ޕާޓީތަކަށް ބަދަލުކުރުން ފަދަ ކަންކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މިކަންކަމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ޕާޓީތަކަށް ލިބިދޭ އިމްތިޔާޒުތަކާ ބީރަށްޓެހި ކަމެއްކަން ފާހަގަކޮށް މައްސަލައިގައި ބުނެފައިވަނީ އެކަންކަމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް އުފެދުމާއި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ހައްގު ގެއްލިގެންދާ ކަމަށެވެ. އަދި މިކަމުން އެފަރާތްތަކުގެ އިމްތިޔާޒުތަކަށް އުނިކަން ލިބޭ ފަދަ ކަންކަން ކުރިމަތިވުމާއި، ނުހައްގު މާލީ ފައިދާއާއި ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބެމުން ދިއުމާއި، މަލްޓި ޕާޓީ ސިސްޓަމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވުމާއި، އާންމު ރައްޔިތުންނަށް ގިނަގުނަ ސިޔާސީ އަދި އިޖުތިމާއީ މައްސަލަތައް އެފަދަ އަމަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ކަމަށެވެ.